މާލޭގެ ގެސްޓްހައުސްއަކަށް މީހަކު ގެންގޮސް، އޭނާއަށް އަނިޔާކޮށް އޭނާ އަތުން 30،000 ރުފިޔާ ފޭރުނު މީހަކު، ޖަލަށްލާން ހުކުމްކޮށް، 28،600 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިއީ، ވ. ބޮލިހުރާ، ޙުސައިން ޔޫނުސް ފަޞީޙް، އިތުރު ބަޔަކާއެކު، ލ. އަތޮޅު މީހަކު، ހަލަވެލި ގެސްޓްހައުސްއަށް ގެންގޮސް އެ މީހާއަށް އަނިޔާކޮށް، އެ މީހާގެ ބޭންކް އެކައުންޓުން 30،000 ރުފިޔާ ނެގި މައްސަލައެވެ.

މި މައްސަލައިގައި ޙުސައިން ޔޫނުސް ފަޞީޙްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ފޭރުމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހެނދުނު ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާ ކުރުމުން، ޙުސައިން ޔޫނުސް ފަޞީޙްވަނީ ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އެކަމަކު ކުށަށް އިއުތިރާފުވެ، އިއުތިރާފުގެ އެއްބަސްވުން ހަދާފައިވަނީ އެންމެ ފުރަތަމަ ދައުވާއަށް އިންކާރު ކުރުމަށް ފަހުގައެވެ.

ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގައި އޮތީ ޙުސައިން ޔޫނުސް ފަޞީޙް، ހަތަރު މަހާއި 23 ދުވަހަށް ޖަލަށްލުމާއެކު 28،600 ރުފިޔާއިން ޖޫރިމަނާ ކުރާށެވެ. މި މައްސަލައިގެ ތަހުގީގުގައި އަދި ޝަރިއަތުގެ މުއްދަތުގައި ޙުސައިން ޔޫނުސް ފަޞީޙް، ޖުމްލަ އެކު ހަތަރު މަހާއި 26 ދުވަސް ޖަލުގައި ހޭދަކޮށްފައިވެއެވެ. އެހެންކަމުން މި މައްސަލައިގައި އޭނާ ދެން އިތުރަށް ތަންފީޒު ކުރަން ޖެހޭ ޖަލު ހުކުމެއް ނެތެވެ.

ހުކުމުގައި ދެން ބާކީ އޮތީ ހަމަ އެކަނި، 12 މަސް ދުވަހުގެ ތެރޭގައި 28،600 ރުފިޔާގެ ޖޫރިމަނާ ދެއްކުމެވެ.

ދައުލަތުން މި މައްސަލަ ޝަރިއަތަށް ހުށަހަޅާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ އަށްވަނަ ދުވަހެވެ. މި މައްސަލަ ކޯޓުން ނިމުނީ މި ހިނގާ މާރިޗު މަހުގެ ފަސްވަނަ ދުވަހުއެވެ. ހުކުމް ކުރެއްވީ ގާޒީ އަލީ ނަދީމެވެ.