ޓްރިޕޮލީ (ސެޕްޓެމްބަރ 7): ލީބިޔާގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އަށް ބޭފުޅަކު ވާދަކުރައްވަމުން އެބަގެންދަވަ އެވެ.

މިބޭފުޅުންނަކީ ލީބިޔާގެ ޕާލަމެންޓްގައި އެންމެ ގިނަ ގޮނޑި މިލްކުވާ ޕާޓީތަކާއި ކޯލިޝަންތަކުން ބޮޑުވަޒީރު ކަމުގެ މަޤާމަށް ޕާޓީ އާއި ކޯލިޝަން ލެވެލްގައި އިޚްތިޔާރުކޮށްފައިވާ ސިޔާސީ ޝަޚްސިއްޔަތުތަކެވެ. ލީބިޔާގައި މިހާރު ކުރިޔަށްދާ އިންތިޤާލީ މަރްޙަލާގައި އެ ޤައުމުގެ ސިޔާސީ ނިޒާމް ބައްޓަން ކޮށްފައި ވަނީ ބަރުލަމާނީ ނިޒާމަށެވެ. ނަމަވެސް އިންތިޤާލީ މަރްޙަލާ އަށް ފަހު ވެރިކަމުގެ ނިޒާމް ބައްޓަންކުރާނެ ގޮތެއް ކަނޑައަޅާނީ އަލަށް އެކުލަވާލާ ލީބިޔާގެ ދަސްތޫރުންނެވެ.

ލީބިޔާގެ ބޮޑުވަޒީރު ކަމަށް ވާދަކުރައްވާ އަށް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު އެމަޤާމަށް އިންތިޚާބު ކުރާނީ މި މަހުގެ 12 ވަނަ ދުވަހު ލީބިޔާގެ ޕާލަމެންޓުންނެވެ. ބޮޑުވަޒީރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ލީބިޔާގެ ކުރީގެ އިންތިޤާލީ ސަރުކާރުގެ ނައިބު މުސްތަފާ އަބޫޝާޤޫރާއި އެ ސަރުކާރުގެ އިލެކްޓްރިސިޓީއާ ބެހޭ ވަޒީރު ޢިވަޟުލްބަރްޢަސީ އާއި ކުރީގެ އިންތިޤާލީ މަޖިލީހުގެ ތަންފީޒީ އޮފީހުގެ ވެރިޔާ ޑރ. މަހްމޫދް ޖިބްރީލް ހިމެނިވަޑައިގަންނަވަ އެވެ.

ލީބިޔާގެ ޕާލަމެންޓްގައި އެއްވެސް ޕާޓީއަކަށް އަދި އެއްވެސް އައިޑިއޮލޮޖީއަކަށް ނިސްބަތްވާ ބަޔަކަށް (ސިޔާސީ ފިކުރަކަށް) އަޣްލަބިއްޔަތު ލިބިފައިނުވާ އިރު ވާދަވެރިކަން އެންމެ ބޮޑީ އިސްލާމީ ޚިޔާލުގެ މީހުންނާއި ލެބެރަލް ޚިޔާލުގެ މެންބަރުންގެ މެދުގަ އެވެ. ބޮޑުވަޒީރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ވެސް އިސްލާމީ ޚިޔާލުގެ މީހުންނާއި ލެބެރަލް ޚިޔާލުގެ މީހުން ދާދި އެެއްވަރެވެ. ލީބިޔާގެ ޕާލެމެންޓްގައި މުސްތަޤިއްލު މެންބަރުންގެ ގޮތުގައި 120 މެންބަރުން ތިއްބެވުމުން ވަކިކޮޅަކަށް ބުރަނުވެ ތިލަފަތް ހަމަވާގޮތް ވެފައިވެ އެވެ. (އަލްޖަޒީރާ)