07 Sep 2012, 13:32
ޤާހިރާ (ސެޕްޓެމްބަރ 7): ކުރިޔަށްއޮތް ފަސްއަހަރު ތެރޭގައި 18 ބިލިޔަން އެމެރިކާ ޑޮލަރު މިސްރުގައި އިންވެސްޓްކުރަން ގަސްދުކުރާކަން ޤުދްރަތީ ގޭހާއި ތެލުގެ މުއްސަނދިކަން ލިބިގެންވާ ޢަރަބި ކުޑަޤައުމެއް ކަމަށްވާ ޤަތަރުން ބުނެފި އެވެ.
މިކަން ހާމަކުރައްވާފައި ވަނީ ޤަތަރުގެ ޚާރިޖީވަޒީރު ކަމުގެ އިތުރުން ބޮޑުވަޒީރުކަން ވެސް ކުރައްވާ އައްޝައިޚް ޙަމަދް ބިން ޖާސިމް އެވެ. ޤަތަރުން މިސްރުގައި 18 ބިލިޔަން ޑޮލަރު އިންވެސްޓްކުރާކަން ހާމަކޮށްފައި މިވަނީ އިޤްތިސާދީ ގޮތުން ވަރަށް ތަދުދުވަސްވަރެއް މިސްރަށް ކުރިމަތިވެފައިވާ ދުވަސްވަރެއްގަ އެވެ. ޚާއްސަކޮށް މިސްރުގައި ދިމުޤްރާތީ އައު ސަރުކާރެއް ޤާއިމް ކުރެވުމާ އެކު ރައްޔިތުން މިހާރުތިބީ މުބާރަކްގެ ދުވަސްވަރު ރައްޔިތުންނަށް ދަތިވެފައިވާ އެތައް ކަންތައްތަކެއް ދާދިއަވަހަށް ފަސޭހަވެގެންދާނެ ކަމުގެ އުންމީދުގަ އެވެ. މީގެތެރެއިން އެންމެ ބޮޑުކަމަކީ ވަޒީފާގެ ފުރުސަތު ތަނަވަސްވުމާއި ގެދޮރުގެ ދަތިކަމުގެ މައްސަލަ އާއި ކަރަންޓާއި ސާފުބޯފެނުގެ ދަތިކަމާއި ރައްފުށުގެ ހިސާބުތަކަށް ބޭނުންވާ އަސާސީ އިންފްރާސްޓްރަކްޗަރު އާއި ސިއްޙަތާއި ތަޢްލީމުގެ އަސާސީ ޚިދްމަތްތަކެވެ.
ޤަތަރުން އިންވެސްޓް ކުރަނީ މިސްރަށް މިހާރަށް އެންމެ ބޮޑަށް ބޭނުންވާ ރޮނގުތަކުގަ އެވެ. މިގޮތުން ކަރަންޓާއި މިސްރުގައިވާ ޤުދްރަތީ ގޭހުގެ ސިނާޢަތު އިތުރަށް ތަރައްޤީ ކުރުމަށާއި ދަނގަޑާއި ސްޓީލް ފަދަ ހެވީ އިންޑަސްޓްރީ އަށް ބޭނުންވާ ފެކްޓްރީ ތައް ބިނާކުރުމަށް ޤަތަރުން އަށް ބިލިޔަން ޑޮލަރު ޚަރަދު ކުރާނެ އެވެ. މީގެއިތުރުން މިސްރުގެ މުހިއްމު ސަރަޙައްދުތަކުގައި ޓޫރިޒަމްގެ މަޝްރޫޢުތައް ހިންގުމަށް ވެސް 10 ބިލިޔަން އެމެރިކާ ޑޮލަރު ޤަތަރުން އިންވެސްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޤައުމުގެ ބޮޑުވަޒީރު ޙަމަދް ބިން ޖާސިމް ވިދާޅުވި އެވެ.
ޤަތަރުން ދާދިފަހުން ވަނީ މިސްރުގެ ބަޖެޓަށް ކުރިމަތިވެފައިވާ ދަތިކަން ފިލުވާލުމަށްޓަކައި ދެ ބިލިޔަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއްވެސް މިސްރަށް ދީފަ އެވެ. މީގެތެރެ އިން 500 މިލިޔަން ޑޮަލަރު މިސްރުގެ ޓްރެޜަރީއަށް މިހާރުވަނީ ލިބިއިވެ އެވެ. އަނެއްބައި މިއަރުގެ ފަހުކޮޅު ގައާއި އަންނަ އަހަރުގެ ކުރީކޮޅު މިސްރަށް ލިބޭނެ އެވެ. މީގެއިތުރުން ސަޢޫދީ އަރަބިޔާ އިންނާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ވެސްވަނީ މިސްރަށް ތިން ބިލިޔަން ޑޮަލަރުގެ ލޯން އެހީވެސް ލިބފަ އެވެ. (ނޫސްއެޖެންސީތައް)