07 Sep 2012, 13:29
ހއ. އަތޮޅާއި ހދ. އަތޮޅުގައި ތިބި ޑީއާރުޕީގެ މެމްބަރުނަށް އަމާޒުކޮށްގެން "ލީޑާސް ފޯރަމެއް" ބާއްވާ ގޮތަށް ޑީއާރުޕީން ހަމަޖައްސައިފި އެވެ.
ޑީއާރުޕީގެ ބާއްވާ މި ފޯރަމާ ބެހޭ މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވީ އެ ފޯރަމް އޮންނާނީ މާދަމާ ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި ކަމަށާއި އެ ފޯރަމްގެ ބޭނުމަކީ އެ ދެ އަތޮޅުގައި ތިބި ޑީއާރުޕީގެ އިސް ފަރާތްތަކާ ބައްދަލުކޮށް އެ ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުން ކަމަށެވެ.
"މިދަތުރަކީ ތިލަދުންމަތީގައި ތިބި ޑީއާރުޕީގެ އިސް ފަރާތްތަކާ ބައްދަލުކޮށް ޕާޓީގެ ކަންތައްތައް ހަރުދަނާކޮށް، ޕާޓީގެ 2013 ރިޔާސީ އިންތިހާބަށް މެނިފެސްޓޯއެއް ހެދުމަށްޓަކައި މިކޮޅުން ބޭނުންވާ މައުލޫމާތުތައް ހޯދައި އެކަމާ ބެހޭ ގޮތުން މަޝްވަރާކުރުން،" ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާދަމާ ބާއްވާ އެފޯރަމްގައި އެ ދެ އަތޮޅުގައި ތިބި ޑީއާރުޕީގެ އެންމެ އިސް ފަރާތްތަކުން ބައިވެރިވާނެ ކަމަށާއި މިރޭ ޑީއާރުޕީގެ ޖަލްސާއެއް ށ. ކަނޑިތީމުގައި އޮންނާނެ ކަމަށެވެ.
ލީޑާސް ފޯރަމް ބޭއްވުމަށް ޓަކައި ޑީއާރުޕީން ހއ. އަތޮޅަށާއި ހދ. އަތޮޅަށް ޑީއާރުޕީން ކުރަމުން މިގެންދާ ދަތުރުގައި އެ ޕާޓީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެމްބަރު ތަސްމީން އަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޑީއާރުޕީގެ ވަފުދުގައި ބައިވެރިވެވަޑައިގެންނަވަ އެވެ.