07 Sep 2012, 13:25
ޕީޕީއެމުން އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާ އެކު ހއ. އަތޮޅުގެ ރަށަކަށް މިހާރު ކުރަމުން ގެންދާ ދަތުރުގައި އެ އަތޮޅު މާރަންދޫގައި ތިބި ޑީއާރުޕީގެ ހުރިހާ މެމްބަރުން އެ ޕާޓީ އަށް ސޮއިކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ ޕީޕީއެމުން ހއ. އަތޮޅަށް ކުރަމުން ގެންދާ ދަތުރަކީ އެ ރަށްރަށުގެ ރައްޔިތުންގެ ހާލު ބަލައި ޕާޓީ އަށް ތާއީދު ހޯދުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށެވެ. އަދި ޕީޕީއެމްގެ ވަފުދު އިއްޔެ އެ އަތޮޅު މާރެންދު އަށް ކުރި ދަތުރުގައި އެ ރަށުގެ ޑީއާރުޕީ ގޮފީގައި ތިބި މެމްބަރުން ޕީޕީއެމަށް ސޮއިކޮށްފައިވާ ކަަމަށެވެ. ނަމަވެސް އެ ރަށުން ޕީޕީއެމަށް ސޮއިކުރީ ކިހާ މެމްބަރުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"މިދަތުރުގެ ބޭނުމަކީ ހއ. ގެ ހުރިހާ ރަަށަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށްލުން، މިދަތުރުގައި ވަރަށް ބޮޑު ކާމިޔާބީއެއް ވެސް އެބަލިބޭ. ޑީއާރުޕީ މާރަންދޫ ގޮފީގައި ތިބި ހުރިހާ މެމްބަރުންގެ އިތުރުން ވެސް މީހުން ވަނީ ޕީޕީއެމަށް ސޮއިކޮށްފައި،" މަހޭ ވިދާޅުވި އެވެ.
އެމްޑީޕީ މެޖޯރިޓީ އޮންނަ މާރާދަންދޫ ކައުންސިލްގެ އެމްޑީޕީ ތަމްސީލު ކުރައްވާ މުހައްމަދު ހަމީދު ވެސް މިއަދު ވިދާޅުވީ އެ ރަށުގައި އުޅޭ ޑީއާރުޕީގެ މެންބަރުންތަކެއް އިއްޔެ ޕީޕީއެމް އަށް ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިތައް މެންބަރުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ނަމަވެސް ޑީއާރުޕީގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވީ މާރަންދޫގައި ތިބި ޑީއާރުޕީގެ މެމްބަރުންތައް ޕީޕީއެމަށް ސޮއިކޮށްފައިވާކަން އެނގިވަޑައިގެންފައިނުވާ ކަމަށާއި ނަމަވެސް އެކަހަލަ ވާހަކަތައް ދޭތެރެދޭތެރެއިން އިވިވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ ބޮޑެތި އަދަދުތަކެއް މަދުވަމުންދާކަން ޕީޕީއެމްގެ ރަޖިސްޓްރީން ނުދައްކާ ކަމަށާއި އެ މައުލޫމާތުގެ ޝައްހަކަން އެނގޭނީ އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތައް ލިބިވަޑައިގެންނެވުމުން ކަމަށެވެ.
"އަޅުގަނޑުމެންގެ ރަޖިސްޓްރީން ނުދައްކާ އެހާ ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށް. މިއަދު ޕީޕީއެމަށް ސޮއިކޮށްފައި މާދަމާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަކީ ވެސް އެކަށީގެންވާ ކަމެއް. އެހެންވެ ތީގެ ޝައްހަކަން އެނގޭނީ އިލެކްޝަންސުން އޭގެ ޑޭޓާ ބޭސް ލިބުނީމައި،" ރޮޒެއިނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 12 ވަނަ ދުވަހު އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޕީޕީއެމް ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.
އެގޮތުން މިހާރު އެންމެ މެމްބަރުން ގިނަ ތިން ޕާޓީގެ ތެރޭގައި ހިމެނޭ ޕީޕީއެމަށް 774 މެމްބަރުން އިތުރުވެ އެ ޕާޓީގެ މެމްބަރުންގެ އަދަދު 17298 އަށް އަރާފައިވާ އިރު އެމްޑީޕީގެ މެމްބަރުންގެ ތެެރެއިން 139 މެމްބަރުން މަދުވެ، އެޕާޓީގެ ޖުމްލަ މެމްބަރުންގެ ގޮތުގައި މިހާރު ރަޖިސްޓްރީކޮށްފައިވާ މެމްބަރުންގެ އަދަދަކީ 48466 އެވެ. އަދި ޑީއާރްޕީގެ މެމްބަރުންގެ ތެރެއިން 341 މެމްބަރަކު ވަކިވެފައިވާ އިރު އެ ޕާޓީގެ ޖުމްލަ އަދަދުގެ ގޮތުގައި ދައްކަނީ 27181 މެމްބަރުންނެވެ.