މާފުށީގައި ހުންނަ ތައުލީމާއި މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒުން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ހަތަރު ގަޑިއިރު ފަހުން ރަށު ތެރޭގައި އުޅެނިކޮށް ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މ. މުލައް ހުވަނދުމާގެ، އަހުމަދު ނާއިފް މޫސަ 13، ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ގާތްގަނޑަކަށް 9 ޖަހާއެހާކަންހާއިރު ކަމަށާއި އެކުއްޖާ ފެނުނީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ އެރަށުގެ ބަޔަކަށް ރޭ ގާތްގަނޑަކަށް 2 ޖަހާއެހާކަންހާއިރު ކަމަށެވެ.

އުމުރުން 13 އަހަރުގެ މިކުޑަ ކުއްޖާ ފެނުނީ އެ ރަށު ސަންސެޓް ނަމަކަށް ކިޔާ ހޮޓަލެއްގެ ކައިރިން ހިނގާފައި ދަނިކޮށް ކަމަށާއި އެކުއްޖާ މިހާރު އެސެންޓަރާ ހަވާލުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މާފުށީގައި ހުންނަ ކުޑަކުދިންގެ ސެންޓަރަކީ ކުޑަކުދިން ބެލެހެއްޓުމަށް ސަރުކާރުން އުފައްދާފައިވާ މަރުކަޒެކެވެ.