ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ގެކޮޅު ކައިރިއަށް މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޑީއާރްޕީގެ ގިނަ އަދަދެއްގެ ބަޔަކު އެއްވި ހާދިސާ، ދިއެފްއެމްގެ ވިޝުއަލް ރޭޑިއޯއިން ލައިވް ކުރަމުން ދަނިކޮށް އެ ސްޓޭޝަނަށް ފުލުހުން ވަދެ، ޓްރާންމިޝަން ވަގުތުން މެދުކަނޑައިލަން އެންގީ ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނާ ހިލާފަށް ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނިންމައިފި އެވެ.


މި މައްސަލަ ބަލައިދިނުމަށް ޕޮލިސް އިންޓިގްރިޓީ ކޮމިޝަނަށް ހުށަހެޅީ ލޭބާ ޕާޓީންނެވެ. ފުލުހުން ދިއެފްއެމަށް ވަނީ މި އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހުގެ ރޭގަ އެވެ.


ދިއެފްއެމަށް ދެ ފުލުހަކު ވަދެ އެތާނގެ ޓްރާންސްމިޝަން ވަގުތުން ހުއްޓައިލުމަށް އެންގި މައްސަލަ ކޮމިޝަނުން ބެލުމަށް ފަހު މިއަދު އާންމުކުރި ހަތަރު ސޮފުހާގެ ރިޕޯޓުގައި ބުނަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އިންޓަވިއުތައް ފޮނުވަމުންދާތީ ޓްރާންސްމިޝަން ކަނޑައިލަން އެންގީ ކަމަށް ފުލުހުން ބުނި ނަމަވެސް އެފަދަ އެއްވެސް ހެއްކެއް ފުލުހުންނަށް ކޮމިޝަނުގައި ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.


ރިޕޯޓުގައިވާ ގޮތުން ކޮމިޝަންގެ ތަހުގީގުގައި ފުލުހުން ބުނެފައި ވަނީ ދިއެފްއެމުން އިންޓަވިއުތަކާއެކު ފޮނުވަމުންދިޔަ ލައިވް ޕްރޮގްރާމުން ގައުމީ ސަލާމާތަށް ނުރައްކާވާތީ މެދުކަނޑައިލަން އެންގި ކަމަށް  ފުލުހުން ބުނާނަމަ ވެސް އެންގީ ޓްރާންސްމިޝަން ވަގުތުން ހުއްޓާލުމަށް ކަމަށް ކޮމިޝަނުގެ ތަހުގީގަށް ސާބިތުވި ކަމަށެވެ.


އެ ރިޕޯޓްގައި އަދި ބުނީ ޓްރާންމިޝަން ހުއްޓާލުމަށް އެންގި ދެ ފުލުހުން ދިއެފްއެމް އަށް ދިޔައީ ސުޕްރިންޓެންޑެންޓް އަހުމަދު ސައުދީގެ އަމުރަށް ކަމަށާއި އެ ދެ ފުލުހުން ދިއެފްއެމްއަށް ފޮނުވަން ސައުދީއަށް އެ އަމުރުކުރައްވާފައި ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުނީރު ކަމަށެވެ.


މި މައްސަލަ ކޮމިޝަނުން ބެލުމަށް ފަހު ކޮމިޝަނުން ނިންމާފައި ވަނީ ދިއެފްއެމްގެ ޓްރާންސްމިޝަން މެދުކަނޑައިލަން ފުލުހުން އެންގީ ގައުމީ ސަލާމަތަށްޓަކައިކަން ސާބިތުނުވާ ކަމަށާއި އެފަދަ އަމުރަކަށް ތަބާވުމަކީ ގާނޫނު އަސާސީގެ 245 ވަނަ މާއްދާގެ އިތުރުން ފުލުހުންގެ ގާނޫނުގެ ހަތް ވަނަ މާއްދާ (ހ) އާ ހިލާފު އަމަލެއް ކަމަށެވެ.