06 Sep 2012, 23:48
ސައްހަ ނޫން ޕޮލިސް ސެޓްފިކެޓެއް ގެންގުޅުނު މީހަކު 1000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.
ސައްހަ ނޫން ޕޮލިސް ސެޓްފިކެޓެއް ގެންގުޅުނު ކަމުގެ ކުށުގައި، ދައުލަތުން ކުރި ދޮގު ހެކި ދިނުމުގެ ކުށުގެ ދައުވާ ސާބިތުވުމުން، 1000ރ. އިން ޖޫރިމަނާ ކޮށްފައި ވަނީ ސ. މީދޫ ލީފްސައިޑް ރިޟުވާން މުހައްމަދު އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު އެހެން މައްސަލައަކާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު ތިން ވަނަ ދުވަހު އޭނާ މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ ފަޓުލޫނުގެ ޖީބުން އޭނާގެ ނަމުގައި ހަދާފައިވާ ސައްހަ ނޫން ޕޮލިސް ސެޓްފިކެޓެއް އޮތް ކަމަށް އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ހުމުކުމްގައި ބުނަނީ އެ ސެޓްފިކެޓަކީ އޭނާގެ އެދުމަކަށް މ. ދިއްގަރު ކުރިކީލަގޭ ނައުޝާދު އަލީ ހަދާދީފައިވާ އެއްޗެއް ކަމަށް ރިޟުވާން ބުނި ނަމަވެސް އޭނާއަކީ ކާކުކަން ނޭނގޭ ކަމަށާއި އަދި އެފަދަ ސެޓްފިކެޓެއް ހަދާދީފައި ނުވާނެ ކަމަށް ނައުޝާދު ބުނެފައިވާ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ ނައުޝާދަށް ފުލުސް އޮފީހުން ހަދާދީފައިވާ ޕޮލިސް ސެޓްފިކެޓް ގެއްލިފައިވާ ކަމަށް އެ މައްސަލައިގެ ތަހުގީގަށް ނައުޝާދު ފުލުހުންނަށް ދީފައިބާ ބަޔާނުން އެނގޭ ކަމަށެވެ.
"... ދޮގުހެކި ދިނުމުގެ ކުށުން ރިޟުވާން މުހައްމަދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިއީ މިފަދަ ކުށެއް ރިޟުވާން މުހައްމަދުގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވާތީ މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 63 ވަނަ މާއްދާގެ ދަށުން، ރިޟުވާން މުހައްމަދު 1000ރ. އިން ޖޫރިމަނާކޮށް މި ފައިސާ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް ސ. މީދޫ ލީފްސައިޑް ރިޟުވާން މުހައްމަދުގެ މައްޗަށް ހުކުމް ކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.