06 Sep 2012, 23:06
ކުރީގެ ދެ ރައީސުން ކަމަށް ވާ މައުމޫނު އަބުދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ގެ ސިޔާސީ ސަފުހާތައް މިހާރު ބަންދުވެފައިވާ ކަމަށާއި އަލަށް ރާއްޖޭގައި ވެރިކަމެއް ގާއިމުކުރުމުގެ ފުރުސަތު އޮތީ ޖުމުހޫރީ ޕާޓީއަށް ކަމަށް ފޭދޫ ދާއިރާހެ މެންބަރު އަލްހާނު ފަހުމީ ވިދާޅުވެއްޖެ އެވެ.
ޖުމުހޫރީ ޕާޓީގެ ހަރަކާތްތައް ފެށުމުގެ ގޮތުން މިރޭ އެޕާޓީގެ ހަރުގޭގައި 100 ވަރަކަށް މީހުންނާއި އެކު ބޭއްވި ކުޑަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަލްހާނު ވިދާޅުވީ ޖުމުހޫރީ ޕާޓީގެ ވިސްނުމަކީ މިރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުންކަމަށާއި އެޕާޓީގެ ލީޑަރަކީ ގައުމުގެ ތަރައްގީ ކުރެވޭނެ ފެންވަރުގެ ލީޑަރެއް ކަމަށެވެ.
"މިއަދު ރާއްޖެއަށް ބޭނުންވަނީ މަގުމަތީގައި ކޮންމެހެން މުޒާހަރާ ކުރާ ބާރު ބާރަށް ހަޅެއްލަވާ ލީޑަރުންނެއް ނޫން. މިއަދު މި ރާއްޖެއަށް ބޭނުންވަނީ މިކަހަލަ ޕޯޑިއަމް ތަކުގައި އަޅުގަނޑު ފަދައިން ހަޅޭއްލަވާފައި ބާރަށް ވާހަކަ ދައްކާ ބޭފުޅުންނެއް ވެސް ނޫން. މިއަދު އަޅުގަނޑުމެން ރާއްޖެއަށް ބޭނުންވަނީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަ ތައް ވިސްނުންތެރިކަމާއި ހިކުމަތް ތެރިކަމާއެކު ހައްލުކޮށްދީ އެކަން ތައްތަކުގެ ތަޖުރިބާ ލިބިލައްވައިގެން ތިބި ގާބިލް ބޭފުޅުން،" އަލްހާނު ވިދާޅުވި އެވެ.
މިރޭގެ އަލްހާނުގެ ވާހަކާގައި ގާސިމް އިބުރާހިމަކީ ތައުލީމީ ގޮތުން އެހާ ފުންނާބު އުސްބޭފުޅަކަށް ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ވަނީ ރައްދު ދެއްވާފަ އެވެ.
އޭނާވިދާޅުވީ ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމަކީ ވެރިކަން ކުރެވޭ ފަދަ ގާބިލް ބޭފުޅެއް ކަމަށާއި ރާއްޖޭގައި ހުރި އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިއާގެ އިތުރުން ރާއްޖޭއަށް އެތަށް ރޮނގަކުން ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި މިހާރުގެ ގާނޫނޫ އަސާސީ އެކުލަވާލުމުގައި އެންމެ މުހިންމު މަސައްކަތްތައް ކުރި ހާއްސަ މަޖިލިހުގެ ރައީސްކަން ކުރެއްވުމުގެ އިތުރުން ފިނޭންސް މިނިސްޓަރުކަމާއި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް ކަން ދިގުމުއްދަތެއްގައި ކުރެއްވި ބޭފޫޅެއް ކަަމަށެވެ.
ޖުމުހޫރީ ޕާޓީން ބުނީ އެޕާޓީން ކުރިއަށް ދާ ސިލްސިލާ ޖަލްސާތައް ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ އެޕާޓީގެ ހަރުގޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.