ގ. ވޭރު އަބްދުލް މުހީތު މަރާލިކަމުގެ ތުހުމަތުގައި ޖުވެނައިލް ކޯޓުގައި ދައުވާ ކުރާ ތިން މީހުންގެ ދިފާއުގައި ހެކިބަސް ދިން މީހުންގެ ހެކި ނަފީކުރަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގައިފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދައުވާ ލިބޭ ތިން މީހުންގެ ދިފާއީ ހެކި ނަފީކުރަން ހަތަރު މީހަކު ހެކީންގެ ގޮތުގައި ދައުލަތުން ހުށަހެޅި ނަމަވެސް މިއަދު ނަގާފައި ވަނީ ދެ މީހުންގެ ހެކިބަސް ކަމަށެވެ. އަދި އަނެއް ދެ މީހުންގެ ހެކިބަސް ނަގަން ބޭނުން ނުވާކަމަށް ދައުލަތުން ބުނެފައިވާތީ އެ ދެ މީހުންގެ ހެކިބަސް ނަގާފައި ނުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ދައުވާ ލިބޭ ތިން ފަރާތުގެ ދިފާއުގައި ހެކިބަސް ދިން މީހުންގެ ހެކިބަސް ނަފީކުރަން ދައުލަތުން ހުށަހެޅި ހަތަރު ހެކީންގެ ތެރެއިން ދެ މީހެއްގެ ހެކިބަސް މިއަދު ވަނީ ނަގާފަ. ބާކީ ތިބި ދެ މީހުންގެ ހެކިބަސް ނަގަން ބޭނުން ނުވާކަމަށް ދައުލަތުން ބުނެފައިވާތީ އެ ދެ މީހުންގެ ހެކިބަސް ނަގާފައި ނުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ހެކީންގެ ހެކިބަސް ނެގުމުގެ އިތުރުން މުހީތުގެ ވާރިސެއްގެ ބަޔާން ވެސް މިއަދު ނެގި ކަމަށާއި މިއަދު ބަޔާން ނެގި ވާރިސު ބޭނުން ވަނީ އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަރަށް މަރު ހިފުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"މިއަދު ވަނީ މުހީތުގެ އެއް ވާރިސަކު ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާފަ. އެ ވާރިސު ބުނެފައި ވަނީ ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ ބޭނުންވަނީ މަރަށް މަރު ހިފުމަށް ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް އަންނަ ހަފުތާއަށް ޝެޑިއުލް ކޮށްފައިވާކަމަށާއި އެދުވަހު އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ވިޑިއޯ ތަކާ ގުޅިގެން ޝަރީއަތަށް ހާޒިރުކުރަން ޖެހޭ އެކްސްޕާޓުންގެ ނަން ޝަރީއަތަށް ހުށަހެޅުމުގެ އިތުރަށް ހުށަހަޅާ ހެކިތަކުގެ ތަފްސީލީ ބަޔާން ދައުލަތުން ހުށަހެޅުން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގި އިރު އެތިން މީހުންގެ އުމުރަކީ 17 އަހަރު ކަމަށާއި ނަމަވެސް އޭގެތެރެ އިން އެކަކަށް މާޗް މަހުގެ ތެރޭގައި 18 އަހަރު ފުރިފައިވާ އިރު އަނެކަކަށް މި މަހުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ކަމަށެވެ. އަދި އަނެއް ކުއްޖާ އަށް 18 އަހަރު ފުރޭނީ އަންނަ އަހަރު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މުހީތުގެ މަރާގުޅިގެން ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ވަނީ ދައުވާ ކޮށްފައެވެ.

އެތިން މީހުންނަކީ ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހު އާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައު އަދި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫން އެވެ.

މުހުޖަތާއި މުޝައްފައުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު މައިމޫންގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މިއަދު ކްރިމިނަލް ކޯޓުން ވެސް ވަނީ މުހީތުގެ ވާރިސެއްގެ ބަޔާން ނަގާފައެވެ. އެ ވާރިސު ބުނެފައި ވަނީ އެ ތިން މީހުންގެ މައްޗަށް ވެސް ދައުވާ ސާބިތުވެއްޖެނަމަ ބޭނުންވަނީ މަރަށް މަރުހިފުމަށް ކަމަށެވެ.