ށ. އެކަސްދޫގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި ކަނޑައެޅިފައިވާ ތާރީޚަށް ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާއާ އެކު ޖުމްލަ 12.4 މިލިއަން ރުފިޔާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ހއ. ދިއްދޫ މުޝްތަރީގޭ ޒުލައިހާ ހަފީޒާ އާ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އާ ދެމެދު ޖުލައި 1، 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ށ. އެކަސްދޫގެ ކުއްޔާއި އަދި ކަނޑައެޅިފައިވާ ތާރީޚަށް ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ އަކީ އޭނާ ދައްކަން ނުޖެހޭ ފައިސާއެއްކަމަށް ބުނެ ޝަރީއަތުގައި އިންކާރުކޮށްފައިވާކަމަށެވެ.

އެ ހުކުމްގައި ބުނަނީ އެކަސްދޫގެ ކުއްޔާއި އަދި ކަނޑައެޅިފައިވާ ތާރީޚަށް ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 12.4 މިލިއަން ރުފިޔާ އަކީ އޭނާ ދައްކަން ނުޖެހޭ ފައިސާއެއްކަމަށް ބުނިނަމަވެސް ހުށަހެޅިފައިވާ ލިޔުންތަކުން އެ ފައިސާ އޭނާ ދައްކަން ޖެހޭ ކަމަށް ޝަރީއަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން އެކަސްދޫގެ ކުއްޔާއި ކުލިނުދެއްކުމުން ޖޫރިމަނާއަށް އަރާފައިވާ ފައިސާ އަކީ އޭނާ ދައްކަން ޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި މިއަދުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު، އެމަހަކަށް ދައްކަންޖެހޭ ރުފިޔާގެ މަދުނޫން މިންވަރެއް މީރާއަށް ދައްކައި ޚަލާސްކުރުމަށް ހަފީޒާއަށް އަންގައި ހުކުމް ކުރާ ކަމަށް އެ ހުކުމްގައި ވެއެވެ.