ނެކްސް ބިޒުގެ ބޯޑާ ކޮންޓްރޯލް ނިޒާމު ހުއްޓާލާފައި ބޭއްވުމަށް ހައިކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލްކޮށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގެ ސަބަބުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނީ ބާރަށް އުނިކަމެއް ނާންނާނެ ކަމަށް ޖުޑީޝަރީގެ މީޑިޔާ ޔުނިޓުން ބުނެފި އެވެ.

އެ ހުކުމާ ގުޅިގެން އޮޅުން އަރާގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށް ބުނެ ޖުޑިޝަރީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ އެ ހުކުމް ކުރުމުގައި ސުޕްރީމް ކޯޓުން ބަލާފައި ވަނީ، ދައުލަތުގެ އެއް މުއައްސަސާ އިން އަނެއް މުއައްސަސާ އަށް އަންގާ އިދާރީ އެންގުމަކަށް ކޯޓުން ތަންފީޒީ ބާރު ދިނުމުގައި ރިޢާޔަތް ކުރަން ޖެހޭ ކަންތައްތަކަށް ހައިކޯޓުގެ އަމުރުގައި ރިޢާޔަތް ކުރެވިފައިވޭތޯ އާއި، ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް އެ އަމުރު ނެރުމުގައި ފުރިހަމަވެފައިވޭތޯ ކަމަށެވެ. އަދި އެ އަމުރަކީ ސައްހަ އަމުރެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެ ޝަރުތުތައް ފުރިހަމަނުވާތީ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ދިވެހިރާއްޖޭގެ ސުޕްރީ މްކޯޓުގެ މި ޙުކުމަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ބާރުލިބިގެން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް، ޤާނޫނު އަސާސީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުން ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ލިބިދީފައިވާ ޤާނޫނީ ބާރަށް އުނިކަމެއް އަންނާނެ ޙުކުމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.

ހައިކޯޓުގެ އަމުރު ބާތިލް ކުރަން އިމިގުރޭޝަނުން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ނެރެފައިވާ އެ ހުކުމުގައި ބުނެފައި ވަނީ ޕަބްލިކް ލޯގެ ދާއިރާގައި ހިމެނޭ އެއްވެސް އިދާރީ އެންގުމެއް ނުވަތަ އަމުރެއް ކުރުމުގެ ބާރު އޭސީސީ އަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެ ކޮމިޝަނަށް ގާނޫނުން ލިބިގެންވާ ހަމައެކަނި ބާރަކީ ދައުލަތުގެ އިދާރާތަކުން ހިންގާ ކަންތައްތަކުގެ ތެރެއިން ކޮރަޕްޝަން ކަމަށް ތުހުމަތު ކުރެވޭ ކަންތައްތައް ތަހުގީގު ކުރުމާއި އެ ތަހުގީގު ފުރިހަމަ ކުރުމަށް މަގުފަހިކޮށްދޭ އެހެނިހެން ކަންކަން ކުރުމުގެ ބާރު ކަމަށެވެ.

އޭސީސީގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ޖިނާއީ ތަހުގީގެއް އެއްވެސް މައްސަލައަކާ ގުޅިގެން ކުރާ ނަމަ ޖިނާއީ އިޖުރާއަތަށާއި އެ އިޖުރާއަތުގެ އުސޫލުތަކަށް ތަބާވާން ޖެހޭނެ ކަމަށާއި އެގޮތުން ޖިނާއީ ތުހުމަތުތަކާ ގުޅިގެން ހޯދަން ޖެހޭ ކޯޓު އަމުރުތައް ހޯދަން ޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ޖިނާއީ މައްސަލަތައް ބެލުމުގެ އިހުތިސޯސް ލިބިގެންވާ ކޯޓަކުން ކަމަށް ވެސް ހުކުމުގައިވެ އެވެ. މީގެ އިތުރުން ދެ ފަރާތެއްގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ބާތިލުކުރުން ފަދަ ފިޔަވަޅުތައް ވެސް އަޅަން ވާނީ ޖިނާއީ އިޖުރާއަތުގެ ތެރެއިން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެ ހުކުމާ ގުޅިގެން އޭސީސީގެ ރައީސް ހަސަން ލުތުފީ ސަން އޮންލައިންއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ ކިތަންމެ ބޮޑު ކޮރަޕްޝަނެއް ހިނގަމުން ދިޔަ ނަމަވެސް އެކަމެއް ހުއްޓުވުމުގެ ބާރު އޭސީސީ އަށް މިހާރު ނެތް ކަމަށާއި އެ ކޮމިޝަންގެ "އަތާއި ފައި ބަނދެވިފައި"ވާ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެ ހުކުމާއި އެކު އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.