06 Sep 2012, 17:08
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅައި ދިނުމަށް ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް (ޖުޑީޝަލް ސާވިސް ކޮމިޝަން) ޖޭއެސްސީއަށް ހުށަހަޅައިފި އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އަހުމަދު އަބްދުﷲ އަފީފް މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުން ހަދާފައިވާ ވަކީލުންގެ ގަވާއިދުގައި ވާގޮތުން ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ވަކީލުން ނަށް ލިބެނީ އެ ގަވާއިދުގައިވާ އިގްރާރެއްގައި ސޮއިކުރުމުން ކަމަށެެވެ.
އެމްޑީޕީގެ ގާނޫނީ ކޮމެޓީގެ މުގައްރިރު ވިދާޅުވީ މީހަކު ގަބޫލު ނުކުރާ އެއްޗެއްގައި ސޮއިކުރުވުމަކަށް އެއްވެސް މީހަކަށް މަޖުބޫރު ނުކުރުވޭނެ ކަމަށާއި އެގޮތުން އޭނާއަށް އެ އިގުރާރުގައި ސޮއިކުރަން އެންގުމުން އޭގައި ސޮއިނުކުރުމުން ރާއްޖޭގެ އެއްވެސް ކޯޓެއްގައި އޭނާއަށް ވަކާލާތު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން އެންގުމުން އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީހަކު ނުރުހޭ އެއްޗެއްގައި ސޮއިކުރުވާކަށް އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރުވޭނެ. ސުޕްރީމް ކޯޓުން ވެސް އެއްވެސް ބަޔަކު ގަބޫލު ނުކުރާ އެއްޗެއްގަ ސޮއެއް ނުކުރެވޭނެ. ސުޕްރީމް ކޯޓުން އަޅުގަނޑަށް އަންގާފަ ވަނީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އަޅުގަނޑަށް ވަކާލާތު ނުކުރެވޭނެޔޭ. އެހެންވީމަ އަޅުގަނޑުގެ މަސައްކަތް ކުރުމުގެ ހައްގު އެއޮތީ ހިފަހައްޓާފަ. އެހެންވީމަ ގާނޫނީ ވަކީލަކަށް ވިޔަށް ގާނޫނީ ވަކީލެއްގެ އަސާސީ ހައްގެއް ނިގުޅައިގެންފި ކަމަށް ވަންޏާ އޭގަ އިންސާފު ހޯދަން ކޮންމެވެސް ތާކަށް ދެވެން ޖެހޭނެ. އެހްނެވެ ޖުޑީޝަލް ސާވިސް ކޮމިޝަނަށް އަޅުގަނޑު އެ މައްސަލަ ހުށަހެޅީ،" އަހުމަދު އަބްދުﷲ އަފީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި އެދިފައި ވާނީ އެ ގަވާއިދުގެ ސަބަބުން އޭނާއަށް ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހައްގުން މަހުރޫމްވެފައިވާތީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅައި ދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ޖޭއެސްސީއަށް އެ މައްސަލަ ހުށަހެޅުމުގެ ކުރިން ހައިކޯޓަށް އެ މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ހަދާ ގަވާއިދެއްގެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ހައިކޯޓުން ބުނެފައިވާ ކަމަށެވެ.