ކްލިނިކްތަކުން އާސަންދައިގެ ހިދުމަތް ދޭން ސަރުކާރުން ހުޅުވާލި ފުރުސަތުގައި ހިދުމަތް ދޭން ފެށި ސެންޓްރަލް ކްލިނިކުން ދެމުން ގެންދިޔަ އާސަންދައިގެ ހިދުމަތް ހުއްޓައިލައިފި އެވެ.

އެ ކްލިނިކުން ދޭން ފެށި އާސަންދައިގެ ހިދުމަތް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހުއްޓާލައިފައިވާއިރު ހިދުމަތް ދޭން ފެށިތާ ދުވަސް ކޮޅެއްފަހުން އެކްލިނިކުން އާސަންދައިގެ ހިދުމަތް ދެމުން ގެންދިޔައީ އެތަނުގެ ބައެއް ޑޮކްޓަރުންނަށް އެކަނި ކަމަށް ވެސް އެ ކްލިނިކުން ބުންޏެވެ. ނަމަވެސް ހިދުމަތް ދިނުމަށް ހުއްޓާލައިފައިވާ ސަބަބެއް އޭނާ ނުބުނެ އެވެ.

މިކަމާ ގުޅިގެން އެ ކްލިނިކްގެ އިސް ފަރާތެއްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އާދަންދަ ކުންފުންޏާ އެކު ބައެއް ކްލިނިކްތަކުން އާސަންދައިގެ ހިދުމަތް ދޭން އެއްބަސްވެފައިވީ ނަމަވެސް އާސަންދައިގެ އަގުތަކާ މެދު ބައެއް ކްލިނިކްތަކުން ވަނީ ހިތްހަމަނުޖެހިފަ އެވެ.

އާސަންދައިގެ ހިދުމަތް ކްލިނިކްތަކުން ދިނުމުގައި އަދިވެސް ދަތިތަކަކާ ކުރިމަތިވަމުން ގެންދާތީ އާއި އާސަންދައިގެ އަގުތަކާ މެދު ބައެއް ކްލިނިކްތަކުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާތީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒުގެ ބަހެއް ހޯދާލުމަށް ގުޅާލުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އާސަންދައިގެ ހިދުމަތް ކްލިނިކްތަކުން ދިނުމުގެ ހުއްދަ ސަރުކާރުން ބައެއް ކްލިނިކްތަކަށް ދީފައިވާއިރު އެހިދުމަތް ދޭން މިހާތަނަށް ފަށައިފައިވަނީ ހަތަރު ކްލިނިކަކުންނެވެ. އެއީ ސެންޓްރަލް ކްލިނިކްގެ އިތުރުން އޭއެސްއެލް މެޑިކަލް ސެންޓަރާއި ސިފައިންގެ މެޑިކަލް އައި ކެއާއިންނެވެ.