06 Sep 2012, 16:49
މަސްތުވާތަކެއްޗާއެކު ނ. ވެލިދޫން ދެ މީހަކާއި އދ. މާމިގިލިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބްލެޓް ސައިޒުގެ 11 ޕެކެޓާއެކު އުމުރުން 30 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ އަންހެނަކު މިއަދު ހެނދުނު ވެލިދޫން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ހައްޔަރު ކުރީ ވެލިދުއަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދެމީހުން ވެލިދުއަށް ފޭބި ވަގުތު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ފެނިފައިވަނީ ފިރިހެން މީހާ މޫދަށް އެއްލާލި އެއްޗެއްގެ ތެރެއިން ކަމަށެވެ. އަދި އެ ދެމީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ވެލިދޫގެ އިތުރުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ރަބަރު ޕެކެޓަކާއެކު މާމިގިލިން އުމުރުން 22 އަހަރުގެ މީހަކު ވެސް ވަނީ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ ރަށުތެރެ ޕެޓްރޯލްކުރަމުން ދަނިކޮށް މަގުމަތީގައި މަސްތުވާއެއްޗެއް ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ.
އަދި އެމީހާގެ ހަށިގަނޑު ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓް ފެނިފައިވަނީ އޭނާ ލައިގެން ހުރި ސޯޓުގެ ޖީބެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ޒާތުގެ ބައެއް އާލަތްތައް އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.