02 Sep 2010, 12:30
މި އަހަރު ބައިބަލާ މުބާރާތް ބާއްވަން އެއްބާރުލުން ދޭން ވަރަށް ދަތި ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ބައިބަލާ މުބާރާތް ބާއްވާން ހުއްދަ ނުލިބިދާނެތީ ޒުވާނުންތަކެއް މުލީއާގޭ ދޮށަށް އެއްވުމާ ގުޅިގެން އެ ހުއްދަ ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށް ފުލުހުން މިއަދު ބުނީ މާލޭގައި ބައިބަލާ މުބާރާތް ބާއްވަން ފުލުހުންނަށް އެއްބާރުލުން ދެވެން ނެތް ކަމަށެވެ.
ސަބަބެއް ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ބޮޑެތި ސިލްސިލާ މާރާމާރީތަކުގެ ފެށުން އައިސްފައި ވަނީ ކޮންމެ ފަހަރަކު ވެސް ބައިބަލާ މުބާރާތްތަކުގެ ތެރެއިން ކަމަށްވުން ކަމަށެވެ. އަދި ވިދާޅުވީ ފަހަކަށް އައިސް މާލޭގައި ތޫނު އެއްޗެހިންދޭ ހަމަލަތައް ނުހުއްޓުވިދާއިރު ބައިބަލާގެ ސަބަބުން އަނެއްކާވެސް ސިލްސިލާކޮށް ގްރޫޕް މާރާމާރީތައް ފެށިދާނެތީ ފުލުން ވަރަށް ބޮޑަށް ކަން ބޮޑުވާ ކަމަށެވެ.
އެ އޮފިޝަލު ވިދާޅުވީ ބައިބަލާ މުބަރާތްތައް މި އަހަރު ބޭއްވުމަށް ބައެއް ފަރާތްތަކުން މަސައްކާތް ކުރާއިރު އެކަމަށް އެއްބާރުލުންދޭން ފުލުހުންނަށް ރުހެވެން ނެތީ ސިލްސިލާ މާރާމާރީތައް ފެށިގެންދާނެކަމުގެ ބިރަށްޓަކައި އެ ފުރުސަތު ނުދިމުގެ ގޮތުން ކަމަށެވެ.
"ބައިބަލާ މުބާރާތްތަކުގެ ތަޖުރިބާ ވަރަށް ހިތިވެފައި ނުރައްކާ" އޭނާ ވިދާޅުވި އެވެ. "ކޮންމެ ފަހަރަކު ވެސް މުބާރާތް ނިމިގެންދަނީ މާރާމާރީ އާއި ފަސާދަ އާންމުކޮށްފައި،"
ބައިބަލާ މުބާރާތަށް ތައްޔާރު ވާން ފައިސާ ހޯދަނީ، މީހުން އަތުން ފައިސާ ފޭރިގެންނާއި ބޮޑެތި ވައްކަންތައް ކޮށްގެން ކަމަށާއި ބައިބަލާ ޓީމުތަކަށް ސްޕޮންސަރު ކުރާ ގިނަ ފަރާތްތަކެއް ވެސް ކޮންމެ ފަހަރަކު ބައިބަލާގެ ތެރެއިން އަންނަ މާރާމާރީތަކުގެ ވިކްޓިމް އަކަށް ވެގެންދާ ކަމަށް ފުލުހުން ބުންޏެވެ.