ބަންޑާރަ މިސްކިތާއި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު ދެ މިސްކިތް އަޅަނީ
ބަންޑާރަ މިސްކިތާއި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު ދެ މިސްކިތް އަޅަނީ

މާލެ ބަންޑާރަ މިސްކިތް ހުރި ތަނާއި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު ދެ މިސްކިތް އަޅަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ ކަން ހާމަކުރެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިނިސްޓަރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

މިގޮތުން، އެ ތަނުގައި މިސްކިތް އެޅުމުގެ މަސައްކަތް ފަށާނީ، ރޯދައިގެ ފަހުން ކަމަށާއި އެ މިސްކިތާ އެކު، މާލޭގެ ހުރިހާ ބޮޑެތި މިސްކިތްތައް އާވާނެ ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅާނެކަން މިނިސްޓަރު މިއަދު ވަނީ ހާމަކުރައްވާފައެވެ. އެ މިސްކިތް އަޅަން ބޭނުންވާ ދީލަތި އެހީވެސް ހަމަޖެހިފައިވާއިރު، ރޯދައިގެ 27 ވަނަ ވިލޭރޭގައި އެ މިސްކިތުގެ ބިންގާ އަޅައިދިނުމަށް އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ބަންޑާރަ މިސްކިތް: އެ ތަން ތަޅާލައި، އާ މިސްކިތެއް އަޅަން ވަނީ ނިންމާފައި ----

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރިއެވެ. ނަމަވެސް އެ މަސައްކަތް ފަހުން ވަނީ ހުއްޓިފައެވެ.

މާލޭގެ އެންމެ ކާރުބާރު ބޮޑު އުތުރު ފަރާތުގައި ހުންނަ ބަންޑާރަ މިސްކިތަށް، ކުރީގެ ރައީސް އިބްރާހީމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޮޑެތި ބަދަލުތަކެއް ގެނައެވެ. އެއީ، ވޯރާ ވިޔަފާރިވެރިން ބިނާކުރި މިސްކިތެކެވެ.