06 Sep 2012, 16:23
ނޯޓިސްދީ ގެއަށް ފޮނުވައިލި އިލެކްޝަންސް ކޮމިޝަންގެ ހިއުމަން ރިސޯސް ޑިރެކްޓަރަކަށް ހުންނެވި އައިމިނަތު ޝާދިޔާއަށް ވަޒީފާ އަނބުރާ ދިނުމަށް އެކޮމިޝަންގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.
ޝާދިޔާ އިލެކްޝަންސް ކޮމިޝަންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ 2012 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެކޮމިޝަންގެ ބަޖެޓްގައި އޭނާގެ މުސާރަ ހިމެނިފައިނުވާ ކަމަށް ބުނެ އެވެ.
ޓްރައިބިއުނަލަށް ޝާދިޔާ ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެކޮމިޝަނުން މިއަދު ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ އެކޮމިޝަންގެ ބަޖެޓްގައި ޝާދިޔާގެ މުސާރަ ކަނޑައަޅާފައި ނުވާ އިރު އޭނާ ވަޒީފާގައި ބެހެއްޓުމަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެފައިވާއިރު ޝާދިޔާގެ ވަޒީފާ ހަމަޖައްސާފައި ވަނީ އެގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް އެނގޭ މިންވަރަށް އިލެކްޝަންސް ކޮމިޝަނުން ދަލީލު ހުށަހަޅައިފައިނުވާ ކަމަށެވެ. އަދި އޭނާގެ މުސާރަ 2012 ވަނަ އަހަރުގެ ބަޖެޓުން ދެވެން ނެތްކަން ސާބިތުވާ މިންވަރަށް އެކޮމިޝަނުން ދަލީލު ހުށަހަޅައިފައިނުވާތީ ވަޒީފާއާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާ އަށް ރިއާޔަތްކޮށް އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.
އެމައްސަލަ ބެއްލެވި މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން މިމައްސަލައިގައި ނިންމާފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ މާއްދާއަށް ރިއާޔަތްކޮށް ޝާދިޔާ އިލެކްޝަންގައި ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ހާލެއްގައި އެކޮމިޝަންގެ ވަޒީފާއިން ވަކިވެފައިވާ މުވައްޒަފެއް ކަމުގައި ނުބެލުމަށް ނިންމައިފަ އެވެ.
ޝާދިޔާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މިމައްސަލަ ނިމުނު ދުވަހާއި ހަމައަށް މުސާރައާ އިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ވަޒީފާއިން ވަކިކުރި އިރު ނޯޓިހުގެ ގޮތުގައި އޭނާއަށް ދީފައިވާ ފައިސާ އުނިކުރުމަށްފަހު ބާކީދޭންޖެހޭ މިންވަރު މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެފައިސާ އެކީ އެއްފަހަރާ ޝާދިޔާއަށް ދީ ހަލާސްކުރުމަށްފަހު އެކަން ތިން ދުވަހުގެ ތެރޭގައި އެ ޓްރައިބިލަށް ލިޔެކިޔުމުން އެންގުމަށް ވެސް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
ޝާދިޔާ މިއަދު ބުނީ އެމައްސަލަ ޓްރައިބިނަލުން ނިންމާފައިވާ ގޮތާ މެދު ވަރަށް ވެސް ހިތްހަމަޖެހޭ ކަމަށާއި ޓްރައިބިލުނަލްގެ އަމުރާ އެއްގޮތަށް އިލެކްޝަނުން އަމަލުކުރާނެ ކަަމަށް އުންމީދުކުރައްވާ ކަމަށެވެ.
"ޓްރައިބިނަލުން އެހުކުމް އެގޮތަށް ނިންމީތީ ވަރަށް ވެސް އުފާވި، ވަޒީފާ އަނބުރާ ލިބޭނެ ކަމަށް އޭރުވެސް ދެކުނިން، އުއްމީދުކުރަނީ ޓްރައިބިއުނަލްގެ ހުކުމާ އެއްގޮތަށް ކޮމިޝަނުން އަމަލުކުރާނެ ކަމަށް،" ޝާދިޔާ ބުންޏެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުލްސައްތާރު މިއަދު ވިދާޅުވީ ޓްރައިބިއުނަލްގެ އެހުކުމާމެދު އަމަލް ކުރާނެ ގޮތެއް ކަނޑައަޅާނީ އެކަމާ ގުޅިގެން ކޮމިޝަންގެ މެމްބަރުންގެ ޖަލްސާއެއްގައި މަޝްވަރާކުރެއްވުމަށް ފަހު އެވެ. އަދި އޭގެ ކުރިން އެއްޗެއް ވިދާޅުވާން ނޭނގޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ޝާދިޔާ އަށް ވަޒީފާ ދިންތާ ހަ މަސް ފަހުން އޭނާއަށް ނޯޓިސްދީ މިއަހަރުގެ 19 އެޕްރީލް 2012 ވަނަ ދުވަހު ގެއަށް ފޮނުވާލައިފައި ވަނީ އެކޮމިޝަންގެ މުވައްޒަފުންތަކެއް ކުރި އިހުތިޖާޖުގެ މައްސަލައާ ގުޅިގެން ވަރަށް ބޮޑަށް ޒާތީވެގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ޝާދިޔާގެ ވަޒީފާ އަނބުރާ އޭނާއަށް ދިނުމަށް ޓްރައިބިއުނަލުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވާއިރު އެކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލުވެސް އެކޮމިޝަނުން ވަނީ ވަކިކޮށްފަ އެވެ. އޭނާ ވަކިކުރީ އެކޮމިޝަންގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރަމުން ގެންދާ ކަމަށް ބުނެ ކުއްލިގޮތަކަށް އެއްވެސް ނޯޓިސްއަކާ ނުލައި އިއްޔެގެ ވަގުތެއްގަ އެވެ.