މިހާރުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ނޫން ކަމަށާއި މިހާރުގެ ސަރުކަރު ބަލައިނުގަންނަ ކަމަށް ބ. ކަމަދޫ ކައުންސިލުން ނިންމައި ފެބުރުއަރީ މަހުގެ ތެރޭގައި ގަރާރެއް ނެރެފައި ވަތީ އެގަރާރު ބާތިލްކޮށް މިސަރުކާރު ގަބޫލް ކުރަންގޮވާލާ ބ. ކަމަދޫ ކައުންސިލްތެރޭގައި އެ ރަށު 50 ވަރަކަށް މީހުން މުޒާހަރާ ކުރަމުން އެބަދެ އެވެ.

ބ. ކަމަދޫއިން ވާހަކަ ދެއްކި އެ މުޒާހަރާގެ ބައިވެރިއަކު ބުނީ މިހާރުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ގިނަ ކައުންސިލްތަކުން ކޯނީގެ ރިޕޯޓަށް ފަހު ގަބޫލްކޮށްފައިވާ ކަމަށާއި ނަމަވެސް މިސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް އެ ރަށު ކައުންސިލުން ގަބޫލް ނުކުރާ ކަމަށާއި އެހެން ކަމުން ރަށުގެ ތަރައްގީ އަށް ކުރަން ޖެހޭ ކަންތައްތަކަށް ހުރަސްއެޅެމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޑިމާންޑަކީ ކުރިން ސަރުކާރު ގަބޫލުނުކުރާނެ ކަމަށް ބުނެ އެބޭފުޅުން ނެރެފައިވާ ގަރާރު މިހާރުން މިހަރާށް އުވާލައި ސަރުކާރު ގަބޫލުކުރާށޭ ނޫނީ އަޅުގަނޑުމެން ކައުންސިލް އިދާރާ އަކުން ނުނިކުންނާނަމޭ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ފަސް ކައުންސިލަރަކާއި އަމިއްލަ އެއް ކައުންސިލަރެއް ހުންނަ އެ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު މިއަދު ވިދާޅުވީ އެ ރަށު ކައުސިލުތެރެއަށް ވަދެ އެމީހުން ޑިމާންޑް ކުރަމުން ދަނީ ޓީވީއެމް ނުފެންނަ މައްސަލާގައި ކަމަށާއި ސަރުކާރާ ބެހޭ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ ކޯނީގެ ރިޕޯޓަށް ފަހު މިސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް އެކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އެ ބޭފުޅުން ކައުންސިލަށް ޑިމާންޑް ކުރަމުން އަންނަނީ ސަރުކާރު ގަބޫލުކުރަން ކަމަށާއި ކައުންސިލްގެ ޖަވާބަކަށް ދިނީ ބައްދަލުވުމެއް ބައްވާފައި ގޮތެއް ނިންމާނެ ކަމަށެވެ.

މިހާރު ވަނީ މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލުން ވެސް ކޯނީގެ ރިޕޯޓުން ރައީސް ވަހީދުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ކަނޑައެޅުމާ ގުޅިގެން މި ސަރުކާރު ބަލައިގެންފި ކަމަށެވެ.