06 Sep 2012, 15:15
ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ފެބުރުއަރީ ހަތް ވަނަ ދުވަހު ފުލުހުން އެމްއެންބީސީ ވަން އަދި މިހާރުގެ ޓީވީއެމްގެ ތެރެއަށް ވަދެފައި ވަނީ ފުލުހުންގެ ގާނޫނާ އެއްގޮތަށް ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނެފި އެވެ.
ފެބުރުއަރީ 6 އަދި 7ގައި ފުލުހުން ހިންގި ކަންތައްތަކާ ގުޅޭ ގޮތުން އެ ކޮމިޝަނުން އިއްޔެ އާންމު ކުރި ތަހުގީގު ރިޕޯޓުގައި ބުނަނީ ފުލުހުން އެ ދުވަހު އެމްއެންބީސީ ވަން އަށް ވަދެފައި ވަނީ އެތަނުގެ ބައެއް ތަކެއްޗަށް ބަޔަކު ގެއްލުންދީ އެތަނުގެ ތެރޭގައި ހަމަނުޖެހުން ހިންގާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށާއި ފުލުހުން އެތަނަށް ދިޔައީ ވެސް ފުލުހުންގެ އިސް ކޮމާންޑަރެއްގެ އަމުރު ވެސް ލިބިގެން ކަމަށެވެ. އަދި ފުލުހުން އެތަނަށް ފުރަތަމަ ވަންނަން މަސައްކަތް ކުރުމުން އެ ސަރަހައްދުގައި ތިބި ބަޔަކު ފުލުހުންނާއި ކުރިމަތިލީ ކަމަށާއި ފުލުހުން އެމްއެންބީސީގެ ތެރެއަށް ވަންނަން ޖެހުނީ އެތެރޭގައި ވެސް ބަޔަކު ތިބެގެން ފުލުހުންނަށް ހަމަލާދީފާނެ ކަމަށް ބެލެވިގެން ކަމަށެވެ.
"ދެވަނަ ފަހަރަށް ދިޔަ ޓީމަށް ވެސް އެތަނަށް އެއްވެފައި ތިބި މީހުން ހަމަލާދިން ކަމާއި އެހެން ކަމުން ކަރުނަގޭސް ބޭނުންކުރި ކަމާއި ގޭޓު ތަޅުލާފައި ހުރުމުގެ ސަބަބުން ގޭޓުގައި ހުރި ލޯވަޅަކުން ރަޔަޓްގަންއެއް ބޭނުންކޮށްގެން ކަރުނަގޭސް ޖެހިކަމާއި އެއީ ފުލުހުން ގެންގުޅޭ އެމީހުންނަށް ހުއްދަކުރެވިފައިވާ ހަތިޔާރެއް ކަމާއި ގޭޓުގެ އެތެރެއަށް ގޭސްޖެހީ، އެތެރޭގައި ވެސް ބަޔަކު ތިބެގެން ފުލުހުންނަށް ހަމަލާދީފާނެ ކަމަށް ބަލާފައި ކަމާއި ގޭޓުތަޅުވައި ކޮއްޕާހަދައިގެން ކަމަށް މި ކޮމިޝަންގެ ތަހުގީގަށް އެނގެ އެވެ. އަދި ތަހުގީގަށް ހޯދުނު އެހެން ބަޔާންތަކުން ވެސް އެދުވަހު އެމްއެންބީސީގެ ތެރޭގައި ލަޓިބުރި ފަދަ އެއްޗިހި ހިފައިގެން ތިބި ބަޔަކު އުޅުނުކަން އެނގެ އެވެ،" ރިޕޯޓުގައިވެ އެވެ.
ފުލުހުން އެތަނަށް ވަނުމަށް ފަހު ބަލާފައި ވަނީ އެތަނުގެ މުވައްޒަފުން ނޫން ބަޔަކު ތިބިތޯ ކަމަށެވެ. އަދި އެކަން ބެލުމަށް ފަހު ފުލުހުން އެތަނުން ނުކުމެފައިވާ ކަމަށާއި އަދި އެކަން ބެލުމުގައި އެއްވެސް މުވައްޒަފަކަށް އަނިޔާ ނުކުރާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
"ބުރޯޑްކާސްޓް ކުރުމަށް ފުލުހުން ނުފޫޒުފޯރުވާ ހަދާފައި ނުވާކަން ތަހުގީގަށް އެނގެ އެވެ. އަދި އެތަން ބަލައި ފާސްކުރުމުގައި އެއްވެސް މުވައްޒިފަކަށް އަނިޔާކޮށްފައި ނުވާ ކަމާއި ނަމަވެސް ތަން ބަލައި ފާސްކުރުމުގައި ހަރުކަށި ގޮތަކަށް އަމަލުކޮށްފައިވާ ކަން ތަހުގީގަށް ހޯދުނު ބަޔާންތަކުން އެނގެ އެވެ،" ރިޕޯޓުގައިވެ އެވެ.
އެހެން ކަމުން ޕޮލިސް އިންޓަގްރިޓީން ކަނޑައަޅާފައި ވަނީ ފުލުހުން އެމްއެންބީސީ އަށް ވަދެފައި ވަނީ ފުލުހުންގެ ގާނޫނުގެ ދެ ވަނަ މާއްދާ އާއި ހަތަރު ވަނަ މާއްދާއާ އެއްގޮތަށެވެ.