ޕީޕީއެމްގެ ގައުމީ ޖަލްސާ އަންނަ ނޮވެމްބަރު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ޔުމްނާ ވިދާޅުވީ ކުރިން އެޕާޓީގެ ގައުމީ ޖަލްސާ ބާއްވާން ހަމަޖެއްސީ މިއަހަރުގެ އޭޕްރީލް މަހު ކަމަށާއި ނަމަވެސް ޖަލްސާ ފަސްކުރަން ޖެހުނީ އެއިރު ގައުމުގެ ހާލަތު އޮތް ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ ގައުމީ ޖަލްސާ ބާއްވަން މިހާރު ނިންމާފައި ވަނީ އަންނަ ނޮވެމްބަރު 15 އިން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ގައުމީ ޖަލްސާގައި ބައިވެރިވެވޭނީ އެޕާޓީގެ ރަށު ގޮފިތަކަށް އިންތިޚާބު ކުރާ މެންބަރުންނާއި ދައުވަތު އަރުވާ ފަރާތްތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ ރަށު ގޮފިތަކުން ގައުމީ ޖަލްސާގައި ބައިވެރިވެވޭނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރާ ގޮފިތަކަށް އެކަނި ކަމަށެވެ.

ގައުމީ ޖަލްސާއަށް ދައުވަތު ދިނުމަށް ހަމަޖެހިފައި ވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލު ކުރާ މެންބަރުންނާއި ޕީޕީއެމް އަށް ނިސްބަތްވާ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އަދި ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކުގައި ތިއްބެވި އެޕާޓީގެ މެންބަރުންނާއި އެޕާޓީގެ މެންބަރުގެ ގޮތުގައި ތިއްބެވި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އަދި އެޕާޓީއަށް ނިސްބަތްވާ އަތޮޅު ކައުންސިލްގެ ރައީސުންނަށެވެ.