މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ ބޯޑުގެ މެންބަރުން ގަވާއިދާއި ހިލާފަށް ނަގާފައިވާ ލިވިން އެލަވަންސްގެ އަބުރާ ދެއްކުމަށް އެންގުމުން އެ ފައިސާ ދައްކާފައިވަނީ އެންމެ ދެ މެންބަރުންކަން އެ ކޮމިޝަންގެ އޮޑިޓްއިން ހާމަވެއްޖެ އެވެ.

މީޑިޔާ ކައުންސިލްގައި ތިއްބަވައި 15 މެންބަރުންނަށް އޯގަސްޓް 2011 އިން ފެށިގެން ކޮންމެ މަހަކު 7500ރ. ގެ މަގުން ޖުމްލަ 900،000ރ. ލިވިން އެލަވަންސްގެ ގޮތުގައި ދީފައިވާކަން ހާމަވީ 2010ވަނަ އަހަރުގެ ކޮމިޝަންގެ އޮޑިޓް ރިޕޯޓުގަ އެވެ. އެ ފައިސާ އަބުރާ ދެއްކުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެ ކޮމިޝަނަށް އެންގީ އެ ރިޕޯޓާއި ގުޅިގެންނެވެ.

އޮޑިޓާ ޖެނެރަލް އިއްޔެ އާންމު ކުރެއްވި 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ލިވިން އެލަވަންސްގެ ގޮތުގައި ދީފައިވާ ފައިސާ ދެ މެންބަރަކު އެކީއެކަށް ދައްކާފައިވާ ކަމަށާއި ނަމަވެސް ދެން ތިއްބެވި 13 މެންބަރުން އެ ފައިސާ ދައްކަވާފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ދައްކާފައި ނުވާ މެންބަރުންނަށް އެ ފައިސާ އަނބުރާ ދެއްކުމަށް އަންގާފައިވާ ކަމަށްވެސް އޮޑިޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

ނަމަވެސް 2010ގެ އޮޑިޓް ރިޕޯޓުގައި ފާހަގަވި އެހެން މައްސަލަތައް އެ ކޮމިޝަނުން މިހާރު ރަނގަޅުކޮށްފައިވާ ކަމަށްވެސް އޮޑިޓްގައިވަނީ ބުނެފަ އެވެ.

އެކައުންސިލުން ގާނޫނާއި ގަވާއިދާއި ހިލާފަށް ކޮށްފައިވާ ބައެއް އެހެން ކަންކަންވެސް މިފަހަރުގެ އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ބަޖެޓުގައި ހިމެނިފައި ނުވަނީސް އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް ވަނީ ކޮމިޝަންގެ މެންބަރުންނަށް ދީފަ އެވެ. ނަމަވެސް އެ ފައިސާ ދިނީ ސިވިލް ސާވިސް ކޮމިޝަންގެ ހުއްދަ ހޯދައިގެން ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ކޮމިޝަންގެ ގޮޑިއެއް ހުސްވުމުން ގާނޫނުގައި ބުނާ މުއްދަތުގައި މެންބަރުން އިންތިހާބުކޮށްފައި ނުވާ މައްސަލަ އާއި މެންބަރުންގެ ރަޖިސްޓްރީ ބަލަހައްޓާފައި ނުވާ މައްސަލަ ވަނީ ފާހަގަކޮށްފަ އެވެ. އަދި ކައުންސިލްގެ ހަރުމުދަލުގެ ރަޖިސްޓްރީ އާއި މެންބަރުން ރާއްޖޭން ބޭރަށް ކުރެއްވި ދަތުރުތަކުގެ ރިޕޯޓް ބަލަހައްޓާފައި ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ.