އެމްޑީޕީގެ ހަރުގެ އާއި ހުސެއިން އާދަމް ބިލްޑިންގް، ޕޮލިސް ހެޑްކުއާޓަރަށް ފުލުހުންގެ ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެ އަމަލުތައް ހިންގި ފުލުހުންގެ މައްސަލަތައް ތަހްގީގުކޮށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައީސީ) އިން ބުނެފި އެވެ.

ފެބްރުއަރީ ހައެއް، ހަތެއް ގައި ހިނގާދިޔަ ކަންތައްތަކާއި ގުޅޭގޮތުން ޕީއައީސީން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ފެބްރުއަރީ ހަ ވަނަ ދުވަހުގެ ރޭ ފުލުހުންގެ ބަޔަކު އެމްޑީޕީ ހަރުގެއަށް ވަނުމުގައި އެތަނުގައި ތިބި ބައެއް އާންމުނަށް އަނިޔާކޮށް ބައެއް މުދަލަށް ގެއްލުންދީފައިވާކަން އެނގޭ ކަމަށެވެ.

"މޯލްޑިވިއަން ޑިމޮކުރަޓިކް ޕާޓީގެ މައި ހަރުގެ ހުންނަ ޖަގަހައަށް ވަނުމުގައި ހަރުގޭގައި ހުރި ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުން ދީފައިވާ ކަމާއި އަދި އެތާނގައި ތިބި ބައެއް މީހުންނަށް ބައެއް ފުލުހުންނާއި އެނޫން ބައެއް މީހުންވެސް އަނިޔާކޮށްފައިވާކަން ކޮމިޝަނުގެ ތަހްގީގަށް އެނގެ އެވެ."

އެމްޑީޕީ ހަރުގެއަށް ވަދެ އާންމުނަށާއި ތަކެއްޗަށް ގެއްލުންދީފަވީ ނަމަވެސް އެތަނަށް ވަދެފައި ވަނީ އާޓިފިޝަލް ބީޗްގައި ފުލުހުންނަށް ހަމަލާދިން މީހަކު އަތުލައިގަތުމަށް ކަން އެނގިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

ޕޮލިސް ހެޑްކުއާޓަރަށް ދީފައިވާ ގެއްލުންތަކާއި ގުޅޭ އެ ރިޕޯޓުގައި ބުނެފައި ވަނީ ޝަހީދު އާދަމް ބިލްޑިންގުގެ ބިއްލޫރުތައް ތަޅައި ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު ފުލުހުންގެ އޮފިސަރުނަށް އެކި ކަހަލަ އިންޒާރުތައް ދީ، މާރާމާރީ ހިންގާފައިވާ ކަމަށެވެ.

"ހެޑްކުއާޓާސް އަށް ވަދެ އެތަނުގެ މުދަލަށް ގެއްލުންދީ، ކުޑަދޮރުގެ ބިއްލޫރިތައް ތަޅާލައި، ފުލުހުންގެ ދިދަ ތިރިކޮށް، ފުލުހުންގެ އިސް ބައެއް އޮފިސަރުނަށް އިންޒާރުދީ، އެމީހުންނާއި މެދު މާރާމާރީ ހިންގާފައިވާކަން،މި ކޮމިޝަނަށް ލިބިފައިވާ ބަޔާންތަކުންނާއި، ވީޑިއޯތަކުން އެނގެ އެވެ. އެއީ ފުލުހުން ހިންގާފައިވާ ޖިނާއީ އަދި ޑިސިޕްލިނަރީ ކުށްތަކެކެވެ." އެ ރިޕޯޓުގައި ބުނެ އެވެ.

ފެބުރުއަރީ ހަވަނަ ދުވަހާއި ހަތް ވަނަ ދުވަސް އަދި އަށް ވަނަ ދުވަހު ފުލުހުން ހިންގި އަމަލުތައް ޕީއައިސީން ބަލައި ތަހުގީގުކޮށް ފިޔަވަޅުއެޅުމަށް މިނިވަން މުއައްސަސާތަކާ އެކު މިދޔަ އާދިއްތަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.