06 Sep 2012, 13:41
ސްރީލަންކާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ ބައެއް އަވަށްތަކުގައި 4.8 ކިލޯމީޓަރުގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އެކަމަށް ޓަކައި މިއަދު ހެނދުނު މަރަދޫގެ ކޯޒްވޭ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި މަގު ހެދުމުގެ މަސައްކަތް ލަންކާ ސަރުކާރުން ހަވާލުކޮށްފައިވާ ލަންކާގެ ކުންފުނި ކަމަށްވާ އިންޓަނޭޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް (އައިސީސީ)ގެ މުވައްޒަފުންނާއި އެ ކުންފުނީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
މަރަދޫ ކައުންސިލްގެ މެމްބަރު އަދި މަގު ހެދުމުގެ ޕްރޮޖެކްޓްގެ ކަންތަކުގައި އިސްކޮށް އުޅުއްވާ އަބްދުﷲ ތޮއްޔިބު މިއަދު ވިދާޅުވީ އެ މަޝްރޫގެ ދަށުން އައްޑޫ ސިޓީގެ ގަމުގެ ކޯޒުވޭ އިން ފެށިގެން މަރަދޫގެ ކޯޒްވޭއާ ހަމައަށް އޮންނަ ބޮޑު މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އެ ޝްރޫއަކީ ލަންކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 11 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު އެވެ. އެ މަޝްރޫއު މަސައްކަތް ކުރިން ފެށުމަށް ހަމަޖައްސާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. ނަމަވެސް ދިމާވި އެކިއެކި ސަބަބުތަކާ ހުރެ މަސައްކަތް ނުފެށި ދިގުދެމިގެން ދިޔައީ ކަމަށް މަރަދޫ ކައުންސިލުން ބުންޏެވެ.
ތޮއްޔިބު ވިދާޅުވީ މަގު ހެދުމަށްޓަކައި ވާންޖެހޭ ހުރިހާ އިދާރީ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށާއި މަގު ހެދުމުގެ މަސައްކަތް ނުފެށި މިހާތަނަށް ލަސްވެގެން ދިޔައީ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށިގެން ކަމަށެވެ. އަދި އެ މަސައްކަތް ނުނިމެނީސް މަގުގެ ހެދުމުގެ މަސައްކަތް ފެށީ އޮގަސްޓް މަހު އެ މަޝްރޫއު ނުފެށިއްޖެ ނަމަ އެ ޕްރޮޖެކްޓް އަނބުރާ ގެންދާނެ ކަމަށް ލަންކާ ސަރުކާރުން ބުނެފައި ވާތީ ކަމަށެވެ.
"މިމަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނުތަކެއް އެކުންފުނިން ވަނީ މިދިޔަ ނޮވެމްބަރު މަހު މިރަށަށް ގެނެސްފައި. އެހެންވެ އަޅުގަނޑުމެން ސަރުކާރުގައި އެދުނިން މަސައްކަތް އަވަސް ކޮށްދިނުމަށް. ސަރުކާރުން މިކަމުގައި އެހާ ބޮޑު އެއްބާރުލުމެއް ނުދިން، އެހެންވެ އަޅުގަނޑުމެން އީއައިއޭ ރިޕޯޓް ހެދީ. އެއަށް ފަހު މަގުގައި ފެނާއި ނަރުދަމާ ނޭޅުނު ކަމުގައި ވިޔަސް "ކްރޮސް އޯވާ" އެޅުމަށްޓަ ކައި ބޭނުންވާ ހޮޅިތައް ގަނެދިނުމަށް އެދުނިން، އެކަމަށް ވެސް އެއްބާރުލުމެއް ނުލިބުނު، ދެން އެހިސާބުން ކައުންސިލްގެ ބަޖެޓުން އެތަކެތި ގަތުމަށް ފަހު ލަންކާ ސަރުކާރަށް އެންގީ ހޮޅިތައް ވެސް ގަނެފީމޭ،" ތޮއްޔިބު ވިދާޅުވި އެވެ.
މަރަދޫ އާއި މަރަދޫފޭދޫ އާއި ފޭދޫގެ މަގު ހެދުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް މުހަންމަދު ނަޝީދާއި ލަންކާގެ ރައީސް މަހިންދާ ރާޖަ ޕަކްސާ މިދިޔަ އަހަރުގެ ނޮވެމްބަރު ގަ އެވެ.