06 Sep 2012, 13:32
އާޓިފިޝަލް ބީޗް ސަރަހައްދުގައި ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު ދެ ގްރޫޕަކުން އެ ސަރަހައްދުގައި މާރާމާރީ ހިންގާ ހިސާބަށް އެ ސަރަހައްދުގެ މަސްރަހު ހޫނުވެފައި ވަނިކޮށް، އެ ސަރަހައްދުން ފުލުހުން ފޮނުވާލުމަށް އަމުރު ކުރެއްވި މައްސަލަ ބަލައި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނެފި އެވެ.
ފެބްރުއަރީ7،6 ވަނަ ދުވަހު ހިނގި ކަންކަން ތަހުގީގުކޮށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން އިއްޔެ އާންމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ އެ މައްސަލާގައި ފަސީހުގެ އިތުރަށް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް އަތީފާއި ޗީފް ސްޕްރިޑެންޓް ފަރުހާދު ފިކުރީ އާއި މުހައްމަދު ހަމީދާއި ސްޕްރިޑެންޓް އިބްރާހިމް އަދުނާނު އަނީސް އާއި އަހުމަދު އަބުދުއްރަހުމާނުގެ މައްޗަށް ވެސް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނީ އާޓިފިޝަލް ބީޗުގައި އެރޭ ހިންގި ހަމަނުޖެހުންތައް މައިތިރި ކުރުމަށް ފުލުހުން ހަރަކާތްތެރިވަނިކޮށް ފުލުހުންގެ ހުވަޔާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ފުލުހުން އެ ސަރަހައްދު ދޫކޮށް ދިޔުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޣައިރު ގާނޫނީ އަމުރު ތަންފީޒު ކުރުމަށް މަސައްކަތް ކުރެއްވީ އެބޭފުޅުން ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ފެބުރުއަރީ 6 ވަނަ ދުވަހުގެ ރޭ މުޒާހަރާ ކުރަނިކޮށް، މުޒާހަރާާ ކުރާ މީހުން ލަޓިބުރި އާއި ހަތިޔާރަށް ބޭނުންކުރެވޭ ފާޑުގެ ތަކެތި ރައްކާކޮށްފައި ހުރި ކަމަށާއި އެ ސަރަހައްދުގެ ހާލަތު ވަޒަންކުރެވޭނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންނަށް ކަމަށް ވުމާ އެކު އެ ސަރަހައްދު ފުލުހުން ދޫކޮށްފައި ހިނގައްޖެ ނަމަ އިތުރު ހަމަނުޖެހުންތަކެއް ހިނގައިފާނެ ކަމަށް ފުލުހުންނަށް ފެނި އެ ވާހަކަ އިސް ވެރިންނަށް ދެނެނެވި ނަމަވެސް އެ ސަރަހައްދުގައި އަމަން ބަލަހައްޓާނެ ފުލުހުން ނުބައިތިއްބައި ފުލުހުން ފޮނުވާލަން މަސައްކަތް ކުރުމަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށާއި ސެކިއުރިޓީ ބަލަހައްޓަން އިތުރުބަޔަކު އެ ސަރަހައްދަށް ނުދަނީސް އެތަނުން ފުލުހުން ނުދާން ނިންމި ނިންމުމަކީ ގާނޫނު އަސާސީގެ 244 ވަނަ މާއްދާ އާއި ފުލުހުންގެ ގާނޫނުގެ 6،8 މާއްދާއާ އެއްގޮތަށް ފުލުހުން ނިންމި ނިންމުމެއް ކަމަށް ދެކޭ ކަމަށެވެ.
"އަދި ސެކިއުރިޓީ ބަލަހައްޓަން އިތުރު ބަޔަކު އެތަނަށް ނުދަނީސް އެ ސަރަހައްދުން ފުލުހުން ގެނައުމަށް ކުރީގެ ޕޮލިސް ކަމިޝަނަރު އަހުމަދު ފަސީހު އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް އަތީފު އާއި ޗީފް ސްޕްރިޑެންޓް ފަރުހާދު ފިކުރީ އާއި މުހައްމަދު ހަމީދާއި ސްޕްރިޑެންޓް އިބްރާހިމް އަދުނާނު އަނީސް އާއި އަހުމަދު އަބުދުއްރަހުމާނު މަސައްކަތް ކޮށްފައި ވަނީ ގާނޫނު އަސާސީގެ 246 ވަނަމާއްދާގެ (ހ) އާއި ފުލުހުންގެ ގާނޫނުގެ 6 ވަނަ މާއްދާ އާއި 8 ވަނަ މާއްދާ އާއި ފުލުހުންގެ ހުވަޔާ ހިލާފަށް ކަން މިކޮމިޝަނަށް ފެނެ އެވެ،" ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ނެރެފައިވާ ހަތް ސަފުހާގެ ހުލާސާ ރިޕޯޓުގައިވެ އެވެ.
އަދި ރިޕޯޓުގައި ބުނެފައި ވަނީ ފުލުހުންގެ އިސް ފަރާތްތަކުގެ އެންގުމަށް އާޓިފިޝަލް ބީޗުން ފުލުހުން ދިއުމާ އެކު އެތަނުގައި މުޒާހަރާގެ ބައިވެރިންގެ މެދުގައި ތަޅާފޮޅުން ހިގަން ފެށުމާ އެކު އެ ސަރަހައްދަށް އެއްވި މީހުން ކޮންޓްރޯލް ކުރެވޭ ވަރަށް ސިފައިން އެތާގައި ހަރަކާތްތެރި ނުވާތީ އަލުން އަނބުރާ ފުލުހުންގެ ޓީމެއް އާޓިފިޝަލް ބީޗަށް ދާން މަސައްކަތް ކުރުމުން އެކަމަށް ފަސީހު އާއި މުނީރު ހުރަސް އަޅާފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އެކަމަކީ ވެސް ގާނޫނު އަސާސީ އާއި ފުލުހުންގެ ހުވަޔާއި ހިލާފަށް ކޮށްފައިވާކަމެއް ކަމަށް ފެންނާތީވެ އެކަމުގައި ބައިވެރިވި ފަރާތްތަކުގެ ތަހުގީގު ވަކިވަކިން ކުރުމަށް ފަހު ފިޔަވަޅުއެޅުމަށް ނިންމާފައިވާ ކަމަށެވެ.
"... ޖުމުހުރީ މައިދާނުގައި ތިބި ފުލުހުން ދެ ވަނަ ފަހަރަށް އާޓިފިޝަލް ބީޗަށް ދާން ނިންމި ނިންމުމަކީ ގާނޫނު އަސާސީގެ 246 ވަނަ މާއްދާގެ (ހ) އާއި ފުލުހުންގެ ގާނޫނުގެ 6 ވަނަ މާއްދާ އާއި 8 އާއި ފުލުހުންގެ ހުވަޔާއި އެއްގޮތަށް ނިންމި ނިންމުމެއް ކަމަށް މިކޮމިޝަނަށް ފެނޭ. އަދި މިހާލަތުގައި އެތަނުގައި އަމަން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއަކަށްވާ އިރު އެޒިންމާ އަދާކުރުމުގެ ގޮތުން ފުލުހުންގެ އިސް އޮފިޝަރުން އެއްވެސް ފިޔަވަޅެއް ނާޅައި އަދި އެތނަށް އިސްނަގައިގެން ދާން އުޅުނު ފުލުހުން ހުއޓުވަން މަސައްކަތްކުރުމަކީ ފުލުހުންގެ ހުވަޔާ ހިލާފަށް ކޮށްފައިވާ ކަމެކެވެ،" ރިޕޯޓުގައިވެ އެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ ޖުމުހޫރީ މައިދާނުގައި ފުލުހުން ކުރި އިހުތިޖާޖު ކޮންޓްރޯލް ނުވުމުގައި އޭރުގެ ޕޮލިސް ކަމިޝަނަރު ފަސީހުގެ އިހުމާލު ވެފައިވާ ކަމަށެވެ.