ދެ ލައްކަ އަށްވުރެ ގިނަ ވަގު ޑޮލަރާ އެކު މިދިޔަ މަހު 16 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވާ މީހާގެ މައްސަލަ ތަހްޤީޤްކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.


ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލީސް މުހައްމަދު ޖަމްޝީދު މިއަދު ވިދާޅުވީ އެ ޑޮލަރުތައް ފެނިފައި ވަނީ ޅ. ހިންނަވަރު ޝެލް، ހުސެއިން އަލީ، 50، މާލޭގައި ދިރިއުޅެމުން އަންނަ މއ. ކުއްޅަފިލާގޭ ތެރެއިން ކަމަށާއި އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރެއިން ފެނުނު ދެ ލައްކަ ސާޅީސް އަށް ހާސް ތިންސަތޭކަ ޑޮލަރަކީ، އެއްސީރިއަލް ނަމްބަރެއް ޖަހާފައިވާ ޑޮލަރުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމީހާ އަކީ މީގެ ކުރިން ވެސް ތަފާތު އެކި އެކި މައްސަލަތަކުގެ ކުށުގެ ރިކޯޑް އޮތް މީހެއް ކަމަށެވެ.


މީގެ އިތުރުން ވެސް ޖަމްޝީދު ވިދާޅުވީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އިއްޔެގެ ވަގުތެއްގައި ވެސް ވަގު ޑޮލަރުތަކަކާ އެކު ފުލުހުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަދި އެމީހުން ދިރިއުޅޭ ތަންތަން ބަލާ ފާސް ކުރި ކުރުމުން ފަންސާސް ހާސް ވަގު ޑޮލަރާއި، ވަގު 100 ރުފިޔާގެ ހަތަރު ނޫޓާއި ފަންސާސް ރުފިޔާގެ 24 ވަގު ނޫޓް ފެނިފައިވާ ކަމަށްވެސް ޖަމްޝީދު ވިދާޅުވި އެވެ. ނަމަވެސް އެމީހުންގެ ނަމެއް ފުލުހުން ހާމަ އެއް ނުކުރެ އެވެ.