06 Sep 2012, 13:26
އަންނަ އަހަރުގެ ޖުލައި މަހު ބުރުނާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ 21 އަހަރުން ދަށުގެ އޭސިއަން ޗެމްޕިއަންޝިޕް ނެޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމްގެ ފަރިތަކުރުންތައް ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ފެށޭނެ ކަމަށް ޓީމުގެ ކޯޗް ނިސާ ހަލީމް ބުނެފިއެވެ.
ދާދި ފަހުން ސްރީލަންކާގައި ބޭއްވުނު "އޭޝިއަން އިންޓަނޭޝަނަލް ބީޗް ނެޓްބޯލް ޗެމްޕިއަންޝިޕް"ގައި ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ކޯޗް ނީސާ ހަލީމް މިއަދު ސަންއޮންލައިނަށް ދިން އިންޓަވިއުގައި ބުނީ، ރާއްޖޭގެ ނެޓްބޯޅައަށް ރީތި ނަން ހޯދާދިނުމުގައި އަބަދުވެސް ދެމިހުންނާނެ ކަމަށާއި އެގޮތުން ދާދި ފަހުން އަވައްޓެރި ލަންކާގައި ބޭއްވުނު މުބާރާތުން ވެސް ރާއްޖެއަށް ރީތި ނަމެއް ލިބުމުން އެކަމާ އުފާވާ ކަމަށެވެ. އަދި އެމުބާރާތުގައި ރާއްޖެ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަކަމަށް ނީސާ ބުންޏެވެ.
ނީސާ ބުނީ، ދެން އެންމެ އަވަހަށް ވެސް ގައުމީ ޓީމް ތައްޔާރު ވާނީ ބުރުނާއީގައި އަންނަ އަހަރު ބާއްވާ ޖޫނިއާ އޭޝިއަން ޗެމްޕިއަންޝިޕް މުބާރާތައް ކަމަށާއި އެމުބާރާތުގައި ރާއްޖޭގެ އިތުރުން ނެޓްބޯޅައިގެ ވަރަށް ފުއްނާބު އުސް ގައުމު ތަކުން ވާދަކުރާ ކަމަށެވެ. އެގޮތުން އެމުބާރާތަކީ ވެސް ވާދަވެރި މުބާރާތަކަށް ވާނޭ ކަމަށާއީ މުބާރާތުން ރަނގަޅު ވަނައެއް ރާއްޖެއަށް ހޯދާދިނުމަށް ދުރާލާ ތައްޔާރު ވާނެ ކަމަށެވެ.
ރާއްޖޭގެ އިތުރުން ޖޫނިއާ އޭސިއަންޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމު ތަކަކީ
ލަންކާ، އިންޑިޔާ، މެލޭސިޔާ ސިންގަޕޫރު، ބުރުނާއި، ނޭޕާލް، ޕާކިސްތާން، ހޮންކޮންގް އަދި ޖަޕާނެވެ.
ގައުމީ ނެޓްބޯޅަ ޓީމުގެ މެނޭޖަރު އާމިނަތު ލީލާ ބުނީ، އެންމެ ފަހުން ނިމިދިޔަ އޭޝިޔަން އިންޓަނޭޝަނަލް ބީޗް ނެޓްބޯލް ޗެމްޕިއަންޝިޕްގައި ލިބުނު ކާމިޔާބީއަށް ބަލާފައި ޓީމަށް އިތުރު ހިތްވަރެއް މިހާރު ލިބިފައިވާކަމަށެވެ. އެގޮތުން ކުރިއަށް ހުރި މުބާރާތް ތަކަކީ ވެސް ކާމިޔާބު މުބާރާތް ތަކަކަށް ހެދުމަށް ވަރަށް މަސައްކަތް ކުރާނެ ކެވެ.
"އަޅުގަނޑުމެން އަބަދު ވެސް ބަލަނީ ރަނގަޅު ކާމިޔާބީއަކަށް. ނިމިގެން ދިޔަ މުބާރާތް ތުގައި ވެސް އަޅުގަނޑުމެންނަށް ބޮޑެތި ދަތިތަކާ ކުރިމަތި ލާންޖެހުނު. އެހެންވެ ކުރިއަށް ހުރި މުބާރާތްތަކުގައި އެކަހަލަ ކަންކަން ނުވާނެ ކަމަށް އުންމީދުކުރަން" މެނޭޖަރު ލީލާ ބުންޏެވެ