06 Sep 2012, 13:25
ގައުމީ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީސީ) އިން އައްޑު އަތޮޅު ހެރެތެރޭގައި، ހިންގަމުން ދިޔަ ރިސޯޓް ވިއްކާލަން ނޫނީ ކުއްޔަށް ހިފުމަށް ހުޅުވާލި ފުރުސަތުގައި އަށް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވައި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓާ މުހަންމަދު މަތީން ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ހެރެތެރެ ރިސޯޓް ހިންގުމަށް ނޫނީ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް އަށް ފަރާތަކުން ޕްރޮޕޯސަލްތައް ފޮނުވާފައިވާ ކަމަށާއި އޭގެ ތެރޭގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތައް ހިމެނޭ ކަމަށެވެ.
"އެ ޕްރޮޕޯސަލްތައް ނުވެސް ކަނޑާ އަދި އެ ހުރީ، މި ބަލަނީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެތަކެތި ބެލޭނެ ކަމަށް، އޭގެ ތެރޭގައި ހަމަ ރަނގަޅު ބޮޑެތި ކުންފުނިތައް އެބަހުރި،" މަތީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް ބަލައި ހެރެތެރެ ޖޮއިންޓްވެންޗާ އުސޫލުން ހިންގުމަށް ކުންފުންޏަކަށް ކުއްޔަށް ދޫކުރާނީ ކަމަށާއި ނޫނީ މުޅި ރަށް އެކީ ވިއްކާލާނީ ކަމަށެވެ.
"ރަނގަޅު ހުށަހެޅުންތަކަށް ބަލައި، މިވަގުތައް އޭގެތެރެއިން އެންމެ ރަނގަޅު ގޮތެއް ނިންމާނީ،" މަތީން ވިދާޅުވި އެވެ. "ރަނގަޅު އޮފާއެއް އައިސްފިއްޔާ ވިއްކާލާނީ، ނޫނީ ޖޭވީ [ޖިއިންޓް ވެންޗާކޮށް] ކުރިއަށް ދާނީ،"
ހެރެތެރެ ހިންގުމަށް ތައިލެންޑްގެ އޮނިކްސް ގުރޫޕުން މިދިޔަ އަހަރު އެރަށާއި ހަވާލުވި ނަމަވެސް ވަކި ހިސާބަކުން އެ ކުންފުނިން ވެސް ވަނީ އެރަށް ދޫކޮށްލައިފަ އެވެ. މީގެ ކުރިން ޔޮޓް ޓުއާޒް އިންވެސް އެ ރަށް ހިންގުމާއި ހަވާލުވި ނަމަވެސް އެކި މައްސަލަތައް ޖެހި އެރަށް ދޫކޮށްލި އެވެ.
މަތީން ވިދާޅުވީ އޮނިކްސާ އެކު ހަދާފައިވާ ކޮންޓްރެކްޓް ކޯޓުން ބޭރުން ހައްލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި އޮނިކްސްއިންވެސް ބޭނުންވަނީ އެ ކޮންޓްރެކްޓް ކޯޓުން ބޭރުގައި ހައްލުކުރުމަށް ކަމަށެވެ.
"ކޮންޓްރެކްޓްގައި އޮންނަނީ ސިންގަޕޫރުގައި އާބިޓްރޭޓް ކުރަން، ނަމަވެސް އަޅުގަނޑުމެންނަށް ލަފާ ލިބިފައިވަނީ [ކޯޓު]ން ބޭރުން އެކަން ހައްލުކުރަން، އެގޮތުން އެ ކުންފުނިންވެސް އެކަމަށް ޝައުގުވެރިވެ އެ ވާހަކަތައް އެބަދެކެވޭ، ނަމަވެސް އަދި މުޅިން ކޮންޓްރެކްޓް ސެޓުލްވާގޮތެއް ނުވޭ،" މަތީން ވިދާޅުވި އެވެ.