06 Sep 2012, 13:22
ބްރެޒިލްގައި އޮންނަ ފީފާ ކޮންފެޑަރޭޝަންސްކަޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ ޖުމްލަ ހަ ސްޓޭޑިއަމްގެ މަސައްކަތްތައް އަންނަ އަހަރުގެ އޭޕްރީލް މަހު މުޅިން ނިންމާލެވޭނެ ކަމަށް ފުޓްބޯޅައާ ބެހޭ މައިއިދާރާ (ފީފާ) އިން ބުނެފި އެވެ.
ބްރެޒިލްގައި އޮންނަ ފީފާ ކޮންފެޑަރޭޝަންސްކަޕް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.
ފީފާގެ ސެކްރެޓަރީ ޖެނެރަލް ޖެކޯމް ވަލްކޭ ވިދާޅުވީ، އަންނަ އަހަރުގެ ޖޫންމަހުގެ 15 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކޮންފެޑަރޭޝަންސްކަޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ބްރެޒިލްގެ ހަސްޓޭޑިއަމެއްގައި ކަމަށާއި އެގޮތުން އެ ސްޓޭޑިއަމްތަކުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި އެސްޓޭޑިއަމްތަކުގެ މަސައްކަތްތައް މުބާރާތް ފެށެން ދެ މަސް ދުވަސް ވާންވާއިރަށް މުޅިންނިންމާލެވޭނެ ކަމަށެވެ.
"މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހަސްޓޭޑިއަމްއެއްގައި. މުބާރާތް ފެށުމުގެ ކުރިން ސްޓޭޑިއަމްތައް ނިންމާލެވޭނެ. މިހާރުވެސް ދެސްޓޭޑިއަމްގެ ބޮޑުބައި ވަނީ ނިމިފައި. ސްޓޭޑިއަމްތައް ބްރެޒިލްގެ އެކިއެކި ހިސާބްތަކަށް ވަނީ ބަހާލެވިފަ،" ޖެކޯމް ވިދާޅުވިއެވެ.
ކޮންފެޑަރޭޝަންސްކަޕަށް ބްރެޒިލްގައި ހަދާ ހަ ސްޓޭޑިއަމްގެ ތެރެއިން މިހާރުވެސް ދެ ސްޓޭޑިއަމްގެ މަސައްކަތް ވަނީ ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށް ބްރެޒިލްގެ ބައެއް މީޑިއާތަކުން ބުނެއެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބްރެޒީލިއާގެ މަނޭގަރިންޗާ ސްޓޭޑިއަމްގައި އޮންނައިރު މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައެވެ.
މުބާރާތުގެ މެޗްތަކުގެ ޓިކެޓް ވިއްކުމަށް ފީފާއިން ނިންމާފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ ކުރީ ކޮޅެވެ.
ފިފާ ކޮންފެޑަރޭޝަންސް ކަޕަށް ބްރެޒިލްގައި ހަދާ ބައެއް ސްޓޭޑިއަމް ތަކަކީ 2014 ވަނަ އަހަރު އެ ގައުމުގައި އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ބޭނުން ކުރާނެ ސްޓޭޑިއަމް ތަކެއް ކަމަށް ބައެއް މީޑިއާ ރިޕޯޓް ތަކުންބުނެއެވެ.