ދެހާސް ސާދަ ވަނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށްޓަކައި އަންނަ ހުކުރު ދުވަހުގެ ރޭ ޕެރަގުއޭއާ ދެކޮޅަށް ކުޅެ މޮޅެއް ހޯދުން ވަރަށް މުހިންމު ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

ޕެރަގުއޭއާ ދެކޮޅަށް ނިކުތުމުގެ ކުރިން މެސީ ބުނީ، މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ ވަރަށް ވާދަވެރި މުބާރާތަކަށް ވީއިރު، މުބާރާތައް ކޮލިފައިވުމަށްޓަކައި ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ކޮލިފައިންގައި އާޖެންޓީނާއާ ދެކޮޅަށް ނިކުންނަ ކޮންމެ ޓީމަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި އެގޮތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށެވެ.

"ކޮލިފައިވުމަށްޓަކައި ކުޅެވޭ މެޗްތަކަކީ ވަރަށް ވަރުގަދަ މެޗްތަކެއް. އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ." މެސީ ބުންޏެވެ.

އުމުރުން 25 އަހަރުގެ މެސީ ބުނީ، ފުޓްބޯޅައިން ގައުމަށް ރީތި ނަން ހޯދައިދޭން ބޭނުން ނަމަ ހުރިހާ ކުޅުންތެރިންވެސް އާހިތްވަރަކާއެކު ކޮލިފައިން މެޗްތައް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ޕެރަގުއޭއާއި ދެކޮޅަށް ހުކުރު ދުވަހުގެ ރޭ ކުޅުމަށްފަހު އަންނަ ބުދަ ދުވަހު އާޖެންޓީނާ ދެން ނިކުންނާނީ ޕެރޫއާއި ދެކޮޅަށް ރަށުން ބޭރުގައެވެ.