06 Sep 2012, 13:09
ތުރުކީގެ އިސްތަމްބޫލްގައި ކުރިއަށްދާ " ޗެސް އޮލިމްޕިއާޑް" ގެ ހަތްވަނަ ބުރުގައި ކުޅުނު މެޗް ދިވެހިރާއްޖެ ކާމިޔާބުކޮށްފި އެވެ.
މިމެޗް ރާއްޖެ ކާމިޔާބު ކުރީ ލިޗްޓެންސް ޓައިންގެ މައްޗަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗް އެއްވަރުކޮށް އަނެއް މެޗް ކާމިޔާބު ކޮށްގެންނެވެ.
އެގޮތުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ރާއްޖެ އެވަރުވި ތިން މެޗަކީ ރާއްޖޭގެ މުހައްމަދު ހަސަން އާއި އަހުމަދު ފުއާދު އަދި އަބްދުއްރަހްމާން އަލީ ކުޅުނު މެޗެވެ. އަދި ރާއްޖެ މޮޅުވީ އަހުމަދު އަޝްރަފް ކުޅުނު މެޗް ކާމިޔާބު ވުމުންނެވެ.
މުބާރާތުގައި ވާދަކުރާ ގައުމީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ހަސަން، އަހުމަދު އަސްރަފް (އާނަންދު)، އަހުމަދު ފުއާދު (ދޫނި)، އަބްދުއްރަހުމާން އަލީ އަދި އިބްރާހިމް އަބްދުﷲ(ސަބޭ) އެވެ.
ދުނިޔޭގެ 160 އަށް ވުރެއް ގިނަ ޤައުމް ބައިވެރިވާ މިމުބާރާތުގައި ރާއްޖެ ވަނީ މުބާރާތުގައި މިހާތަނަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އެގޮތުން މިމުބާރާތުގައި ކުޅުނު ހަތް ބުރުގައި ވާދަކޮށް، ރާއްޖެއަށް ހަތް ޕޮއިންޓް ލިބިފަވާއިރު، މިހާތަނަށް މިމުބާރާތުގައި ރާއްޖެ ކުޅުނު 28 މެޗުގެ ތެރެއިން 14 މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ.