06 Sep 2012, 12:44
ފެބްރުއަރީ 6 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ހެނދުނާ ހަމައަށް ޖުމްހޫރީ މައިދާނަށް ފުލުހުންގެ ބަޔަކު އެއްވެ އިހްތިޖާޖު ކޮށްފައި ވަނީ ފުލުހުނަށް ވެސް ގާނޫނު އަސާސީ އިން ލިބިދޭ އިހްތިޖާޖު ކުރުމުގެ ހައްގުގެ ތެރެއިން ގާނޫނާ އެއްގޮތަށް ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނެފި އެވެ.
ފެބްރުއަރީ 6،7ގައި ހިނގައި ދިޔަ ހަމަ ނުޖެހުންތަކުގައި ފުލުހުން ހިންގާފައިވާ ކަންތައްކާ ގުޅޭ ގޮތުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން އިއްޔެ ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ޖުމްހޫރީ މައިދާނަށް އެއްވެ ޣައިރު ގާނުނީ އަމުރެއް ނުކުރުމަށް ފުލުހުން އެދިފައިވާ އިރު ގާނޫނާ އަސާސީއާ ހިލާފް އަމުރުތަކެއް ފުލުހުންނަށް އެކި ފަހަރުގެ މަތީންކޮށްފައިވާ ކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ފުލުހުންގެ ހުވައާ އެއްގޮތައް އަމަލުކުރުމަށް ފުލުހުން ހިންގާފައިވާ އެއްވެސް ކަމަކާ މެދު ފިޔަވަޅު ނޭޅުމަށާއި ޣައިރު ގާނޫނީ އަމުރު ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމަށް އޭރުގެ ފުލުހުންގެ ކޮމިޝަނާ އަހްމަދު ފަޞީހަށް ޖުމްހޫރީ މައިދާނުގައި ތިބެ ފުލުހުންގެ ބަޔަކު ކުރަމުންދިޔަ ޑިމާންޑްތަކަކީ "ސައްހަ"ޑިމާންޑްތަކެއް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެ އެވެ.
"ޖުމްހޫރީ މައިދާނަށް ފުލުހުންގެ ބަޔަކު އެއްވެ، ކޮމިޝަނަށް ޕޮލިސް އެތަނަށް ހާޒިރުވެ، އެމީހުންގެ މައްޗަށް ޣައިރު ގާނޫނީ އަމުރެއް ނުކުރުމަށާއި ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން އެއްވެސް ފުލުހަކާ މެދު ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ދިނުމަށް ޑިމާންޑްކުރަމުންދިޔަ އިރު، މި ޑިމާންޑްތަކަކީ އެހާތަނަށް އެކަންތައްތައް ވެފައިވާ ގޮތަށް ބަލާއިރު ސައްހަ ޑިމާންޑްތަކެއް ކަމަށް މި ކޮމިޝަނަށް ފެނެ އެވެ." އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އެ ރިޕޯޓްގައި ބުނެފައި ވަނީ ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުން އިހްތިޖާޖު ކުރަމުންދަނިކޮށް އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަށް ގޮވީ އެ ސަރަހައްދަށް ވަން އާންމުން ކަމަށެވެ. ނަމެވެސް އެވަގުތު އެ އެއްވުން ސިޔާސީ ވުމަށް ފަހު ވެސް ޖުމްހޫރީ މައިދާނުގައި ފުލުހުން ތިބުމަކީ ގަވާއިދާ ހިލާފަށް ފުލުހުން ކޮށްފައިވާ ކަމެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ޖުމްހޫރީ މައިދާނަށް ފުލުހުން އެއްވުމާ ގުޅޭ ގޮތުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ކުރި ތަހްގީގަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އޭރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަޞީހާއި ފުލުހުން އިހްމާލުވެފައިވާ މިންވަރު ތަހްގީގުކުރުމަށް ފަހު ފިޔަވަޅުއެޅުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.