ސަބްސަހާރަން އެފްރިކާގެ ގައުމުތަކުގައި ޕެސްޓިސައިޑްގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ކުރުމަށް ކުރާ ހޭދަ 2005 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް 90 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ޔުނައިޑެޓް ނޭޝަންސް (ޔޫއެން) އިން ބުނެފި އެވެ.

ޔޫއެންގެ ތިމާވެށްޓާ ބެހޭ އެޖެންސީ ( ޔޫއެންއީޕީ) އިން އާއްމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ އެޗްއައިވީ އެއިޑްސް ފިޔަވާ ސިއްހީ އެހެން ކަންތައްތަކަށް ހަރަދުކުރުމަށް ސަބް ސަހަރާރަން އެފްރިކާ ސަރަހައްދުގެ ގައުމުތަކަށް ލިބޭ ބައިނަލްއަގުވާމީ އެހީގެ ގޮތުގައި ލިބޭ ފައިސާ އަށް ވުރު ބޮޑު އަދަދެއް ޕެސްޓިސައިޑްގެ ސަބަބުން ވިހަވާ މީހުންނަށް މިހާރު ވެސް ހަރަދުކުރަން ޖެހޭ ކަމަށެވެ.

އިންސާނުންގެ ސަބަބުން ތިމާވެށްޓަށް ކުރިމަތިވާ މައްސަލަތައްް ދިރާސާކުރުމަށް ފަހު އާއްމުކުރި ޔޫއެންގެ ރިޕޯޓް ބުނި ގޮތުގައި ކުރިއަރަމުން އަންނަ ގައުމުތަކުގައި ކެމިކަލް އުފައްދާ މިންވަރު އިތުރު ވަމުން އަންނާތީ އަދި ހާއްސަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަލިކަށިކޮށް ކެމިކަލް އުފެއްދުން އިތުރުވަމުން އަންނާތީ ތިމާވެށްޓަށް ލިބޭ ގެއްލުން ލިބުމުގެ އިތުރުން ސިއްހީ ކަންކަމަށް ކުރަން ޖެހޭ ހޭދަ އަންނަނީ އިތުރުވަމުންނެވެ.

ޔޫއެންއީޕީ އިން ގޮވާލާފައި ވަނީ ތިމާވެށްޓާއި މީހުންގެ ސިއްހަތަށް އެންމެ ގެއްލުން ކުޑަ ގޮތަކަށް ކެމިކަލް އުފެއްދުމުގައި 2020 އަަހަރާ ހަަމަށް އެޅުމަށް ދުނިޔޭގެ ގައުމުތަކުން 2002 ވަަނަ އަހަރު ކަނޑައެޅި ލަނޑުދަނޑިތަކާ އެއްގޮތަށް މަސައްކަތް ކުރުމަށެވެ.

ރިޕޯޓް އާއްމުކުރުމަށް ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަލަ ދައްކަވަމުން އެމެރިކާގެ ޔުނިސިޓީ އޮފް މަޝަސުސެޓްސް ލޯވެލްގެ ޓޮކްސިކް ޔޫސް ރިޑަކްޝަން އިންސްޓްޓިއުޓުން ދިރާސާގައި ބައިވެރިވެވަޑައިގެންނެވި ރަޗެލް މަސޭ ވިދާޅުވީ ކެމިކަލް އުފައްދާ މިންވަރު މުޅި ދުނިޔޭގައި ވެސް އިތުރުވަމުން އަންނަ ކަމަށާއި އެންމެ ބޮޑަށް އިތުރުވަމުން ދަނީ އިގުތިސާދީ ގޮތުން ކުރިއަރަމުން އަންނަ ގައުމުތަކުގައި ކަމަށެވެ.

އޭނާ ވިދާޅުވީ 2012 އިން 2020 އަށް ކެމިކަލް އުފައްދާ މިންވަރު އިތުރުވާނެ ކަމަށް އަންދާޒާ ކުރެވެނީ 25 ޕަސެންޓަށް ކަމަށްވާ އިރު އޭޝިއާގައި އެމިންވަރު 50 ޕަސެންޓަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އަދި އެފްރިކާއާއި މެދުއިރުމަތީގެ ގައުމުތަކުގައި 40 ޕަސެންޓަށް އިތުރުވާނެ ކަމަށް ބެލެވޭއިރު ލެޓިން އެމެރިކާގެ ގައުމުތަކުގައި އިތުރުވާނެ ކަަމަށް ބެލެވެނީ 33 ޕަސެންޓަށެވެ.

ދިރާސާގައި ކެމިކަލްގެ ވިޔަފާރި އިތުރުވާނެ ކަމަށް ބެލެވިފައި ވަނީ 2050 ވަނަ އަހަރާ ހަމައަށް އަހަރަކު ތިން ޕަސެންޓްގެ ރޭޓުންނެވެ.

ސިރާސާ އިން އެނގިފައިވާ ގޮތުގައި އާއްްމު ދިރިއުޅުމުގައި ކެމިކަލްގެ މުހިއްމުކަން މިހާރު ވަނީ ވަރަށް ބޮޑު ވެފަ އެވެ. އެގޮތުން 1970 ވަނަ އަަހަރު ކެމިކަލް އުފައްދައިގެން ލިބުނު އާމްދަނީ އަކީ 171 ބިލިޔަން ޑޮލަރު ކަމަށް ވިޔަސް މިހާރު 4.12 ޓްރިލިއަން ޑޮލަރުގެ އާމްދަނީއެއް ކެމިކަލުން ލިބެ އެވެ.

ކެމިކަލް އުފެއްދުމަކީ ގައުމުތަކުގެ އިގުތިސާދަށް ބޮޑު ފައިދާއެއް ލިބޭ ސިނާއަތެއް ކަމަށް ވިޔަސް ކެމިކަލްގެ ބޭނުންކުރުމާއި ނައްތާލުމުގައި އަމަލުކުރާ ގޮތް ރަނގަޅު ނުވުމުގެ ސަބަބުން މީހުންގެ ސިއްހަތަށާއި ތިމާވެށްޓަށް ބޮޑެތި ގެއްލުންތައް ލިބި މީހުންގެ އުފެއްދުންތެރިކަން ދަށްވާނެ ކަން ޔޫއެންއީޕީ އިން ވަނީ ފާހަގަކޮށްފައެވެ. ( އެސޯސިއޭޓެޑް ޕްރެސް)