06 Sep 2012, 12:08
ގ. ވޭރު އަބްދުލް މުހީތުގެ މަރާ ގުޅިގެން ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާ ކުރާ ތިން މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ބޭނުން ވަނީ މަރަށް މަރު ހިފުން ކަމަށް މުހީތުގެ ވާރިސަކު ބުނެފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އޯޑިއޯ ކޮންފަރެންސް މެދު ވެރިކޮށް ވާހަކަ ދައްކަމުން މުހީތުގެ އެއްބަފާ ދައްތަ ބުނީ ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއ ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައު އަދި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ މައްޗަށް ދައުލަތުންކުރާ ދައުވާ ސާބިތުވެއްޖެ ނަމަ ބޭނުން ވަނީ މަރަށް މަރު ހިފުމަށް ކަމަށެވެ.
މުހުޖަތާއި މުޝައްފައުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު މައިމޫންގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މައިމޫންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މުހީތަށް ހަމަލާދީ ނިމުމުން ހަމަލާދިން މީހަކު ސައިކަލަކަށް އަރުވައިގެން ގޮސްފައިވާކަމަށް ބުނެ އެވެ.
އެ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ޓަކައި ދައުލަތުން ހުށަހެޅި ތިން މީހުންގެ ހެކިބަސް ވެސް މިހާރު ވަނީ ނަގާފަ އެވެ.
ހެކިބަސް ދިން ތިން މީހުންގެ ތެރެއިން ދެ މީހަކު ވަނީ މުހީތަށް، މުހުޖަތު ހަމަލާދިންތަން ދުށްކަމަށް ބުނެފަ އެވެ. ފުރަތަމަ ހެކިބަސް ދިން މީހާ ބުނީ މުހީތުގަޔަށް މުހުޖަތު ވަޅި ހެރިތަން އޭނާ ދުށް ކަމަށެވެ. އަދި ދެވަނަ އަށް ހެކިބަސް ދިން މީހާ ބުނީ މުހުޖަތު މުހީތަށް ހަމަލާދިންތަން ދުށްކަމަށާއި ނަމަވެސް އެވަގުތު އޭނާގެ އަތުގައި ވަޅިއެއް އޮތްކަމަށް ފާހަގަ ނުކުރެވޭ ކަމަށެވެ.
ހަމަލާދިން ގޮތް ކިޔައިދެމުން އެމީހާ ބުނީ މުހީތާއި ދިމާލަށް މުހުޖަތު އަތް ހޫރުވި މަންޒަރު ވަރަށް ރަނގަޅަށް އޭނާ އަށް ފެނުނު ކަމަށެވެ.
މުޝައްފައުގެ މައްޗަށް ހެކިބަސް ދީފައި ވަނީ އެންމެ މީހެކެވެ. އެމީހާ ބުނީ މުހީތުގަޔަށް މުޝައްފައު ވަޅި ހެރިތަން އޭނާ އަށް ފެނުނު ކަމަށާއި ލަފާކުރެވޭ ގޮތުގައި އެއީ އަށް އިންޗީގެ ބެނެޓް ވަޅިއެއް ކަމަށެވެ.
މައިމޫންގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މުހީތަށް ހަމަލާދީ ނިމުމުން މުހީތަށް ހަމަލާދިން މީހަކު ސައިކަލަކަށް އަރުވައިގެން ދިޔަކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ދެ މީހަކު ހެކިބަސް ދީފައިވާ އިރު އެ ދެ މީހުން ވެސް ބުނީ ހާދިސާ ހިނގި ރޭ އެ ސަރަހައްދުގައި ސައިކަލެއްގެ މަތީގައި މައިމޫން އިންދާ އޭނާއަށް ފެނިފައިވާ ކަމަށެވެ.
އެ ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން ވަނީ ގަރީނާގެ ގޮތުގައި އެ މީހުންގެ ފޯންކޯލް ރެކޯޑިން އާއި ސީސީޓީވީ ފްޓޭޖްތަކެއް ހުށަހަޅާފަ އެވެ.