މަސްތުވާތަކެތީގެ މައްސަލަ އެއްގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކު އައިބީސް އޮފީސް ފަޅާލާއި އެތަނުން ވައްކަން ކޮށްގެން އަނެއްކާ ވެސް ހައްޔަރު ކޮށްފި އެވެ.


އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލީސް މުހައްމަދު ޖަމްޝީދު މިއަދު ވިދާޅުވީ އެމައްސަލައިގައި މއ. އާފަލުގޭ މުހައްމަދު މުޖްތަބާ ހައްޔަރު ކުރީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ. އަދި އޭނާ ހައްޔަރު ކޮށްފައި ވަނީ އޭނާގެ އަންހެނުންގެ ރަށް ކަމަށްވާ ހދ. މަކުނުދޫގައި ދިރިއުޅެމުންދަނިކޮށް ކަމަށް ވެސް ޖަމްޝީދު ވިދާޅުވި އެވެ.


ޖަމްޝީދު ވިދާޅުވީ އޭނާ ފިލާފައި ވަނީ މިދިޔަ އަހަރުގެ ކުރީ ކޮޅު ބޭސްފަރުވާ އަށް މާލެ ގެނެސްފައި ވަނިކޮށް ކަމަށެވެ. އަދި އޭގެ ފަހުން ވެސް އޭނާ ވަނީ ތަފާތު ވައްކަންތައް ކޮށްފައި ކަމަށާއި ނަމަވެސް އޭގެން އެއްވެސް ފަހަރަކު އޭނާ ހައްޔަރު ކުރެވިފައިނުވާ ކަމަށް ވެސް ޖަމްޝީދު ވިދާޅުވި އެވެ.


ޖަމްޝީދު ވިދާޅުވީ މުޖްތާބާ ފިލައިގެން މަކުނުދޫ އަށް ގޮސް އޭނާ ވަގަށް ނަގާފައިވާ ބައެއް ތަކެތި އެރަށު މީހުން ނަށް ވިއްކާފައިވާ ކަމަށެވެ.


ފުލުހުން ވަނީ މިއަދު ވަގަށް ނަގާފައިވާ ތަކެތި ނޫސްވެރިންނަށް ވެސް ދައްކާލާފަ އެވެ.