ރާވައިގެން ހިންގާ ކުށްތައް ތަހުގީގުކޮށް ބެލުމަށް "ސައިބާ ޕޮލިސިން ޑިޕާޓްމަންޓްމަންޓެއް" ފުލުހުންގެ ތެރޭ އުފައްދައިފި އެވެ.

ސައިބާ ޕޮލިސިން ޑިޕާޓްމަންޓްމަންޓެއް އުފެއްދުމުގެ ކުރިން ސައިބާ ކްރައިމްއާ ބެހޭ މައްސަލަތައް ބަލަމުން ގޮސްފައި ވަނީ ފްރޯޑް އެންޑް ފައިނޭންޝަލް ޑިޕާޓްމަންޓްގެ ތެރޭ އުފައްދާފައިވާ ޔުނިޓެއްގެ ތެރޭގަ އެވެ.
އެ ޑިޕާޓްމަންޓްގެ ދަށުން ތިން ޔުނިޓެއް ހިންގަމުން ދާނެ ކަމަށް ފުލުހުން ބުނެ އެވެ. އޭގެތެރޭ ސައިބާ ކްރައިމް އިންވެސްޓިގޭޝަން ޔުނިޓާއި ސައިބާ ފޮރެންސިކްސް ޔުނިޓާއި ސައިބާ ސެކިއުރިޓީ އޮޕަރޭޝަން ޔުނިޓް ހިމެނެ އެވެ.

ފުލުހުންގެ ސަބްއިންސްޕެކްޓާ ހަސަން ހަނީފް މިއަދު ވިދާޅުވީ މި މަހުގެ އެއް ވަނަ ދުވަހު އުފެއްދި އެ ޑިޕާޓްމަންޓްގެ ސަބަބުން ސައިބާ ކްރައިމްއާ ބެހޭ މައްސަލަތައް ބަލަން އިތުރަން ފަސޭހަވެ، މައްސަލަތައް ބަލައި ޕީޖީއަށް ފޮނުވޭލެއް އަވަސްވާނެ ކަމަށެވެ. އަދި ސައިބާ ކްރައިމްއާ ގުޅޭ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވެގެންދާކަން ހަނީފް ފާހަގަ ކުރެއްވި އެވެ.

"މައްސަލަތައް ބެލުމަށް އެޑިޕާޓްމަންޓް އުފެއްދުމުން އަވަސްވާނެ. އަދި ހަރުދަނާކަމާ އެކު މައްސަލަތައް ބަލާ ޕީޖީ އަށް ފޮނުވިގެންދާ މައްސަލަތައް ގިނަވާނެ،" ހަނީފް ވިދާޅުވި އެވެ.

ފުލުހުންގެ މި އަހަރުގެ އޮޕަރޭޝަން ޕްރިޔޯރަޓީޒްގެ ތެރޭ ހިމެނޭ "ރާވައިގެން" ހިންގާ ކުށްތަކާ ގުޅޭ މައްސަލަތައް ބެލުމަށް އުފެއްދި ޑިޕާޓްމަންޓް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ފުލުހުން ތަމްރީނުކޮށް ގާބިލު ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ހަނީފް ވިދާޅުވި އެވެ.

ފުލުހުންގެ އޮޕަރޭޝަންތަކުގައި މިއަހަރު އިސްކަންދޭ ކަންތައްތައް ބެލުމަށާއި ފުލުހުންނަށް ޓްރެއިނިންދީ ތަމްރީނު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ކަމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ސައިބާ ޕޮލިސިން ޑިޕާޓްމަންޓްމަންޓެއް ފުލުހުންގެ ތެރޭ އުފެއްދި އިރު، ދާދި ފަހުން ވަނީ އިސްވެރިންތަކެއްގެ ބަރަހަނާ މަންޒަރާއި ވީޑިއޯ ހިމެނޭ ފޮޓޯތަކެއް ލީކްކޮށްލި މައްސަލައެއް ތަހުގީގު ކުރުމަށް ފަހު ދަޢުވާ ކުރަން ޕީޖީ އަށް ފޮނުވާފަ އެވެ. އެކި ގިންތީގެ މީހުންގެ ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކޮށްގެން ފައިސާ އަތުލުން ރާއްޖޭގައި އަންނަނީ އިތުރުވަމުން ނެވެ.