އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފި އެވެ.

އެމްޑީޕީން ބުނީ ރައީސް ނަޝީދު ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މިދަތުރުފުޅަކީ ރ. އަތޮޅު ކައުންސިލުން ހުސްވެފައިވާ އަލިފުށީ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަލިފުށީ ހަވީރިނާޒް، މުއުމިނާ އީސާފުޅަށް ތާއީދު ހޯދައްވައި ދެއްވުުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގައި އެ ދާއިރާގެ ހަތަރު ރަށެއް ކަމުގައިވާ އެ އަތޮޅު އަނގޮޅިތީމާއި ރަސްގެތީމާއި ވާދޫ އަދި އަލިފުއްޓަށް ޒިރަތްކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެ އަތޮޅު އަނގޮޅިތީމަށް ކަމަށާއި އެ އަށް ފަހު ރަސްގެތީމް އާއި ވާދޫ އަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުންޏެވެ. މިއިން ކޮންމެ ރަށެއްގައި ވެސް އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ އެކު ރައީސް ނަޝީދު ކުރައްވާ މިދަތުރުފުޅުގައި މިރޭ އެމްޑީޕީން އަލިފުށީގައި ބާއްވާ ވަރަށް ހާއްސަ ޖަލްސާ އެއްގައި ބައިވެރިވެޑައިގެންނަވާނެ އެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނަވަ އެވެ. އެގޮތުން އެޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިޙް (އިބޫ) އާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބުރާހީމް ހުސައިން ޒަކީ ބައިވެރިވެވަޑައިގެންނަވަ އެވެ.