06 Sep 2012, 10:45
އެމެރިކާގެ ރިޔާސީ އިންތިހާބު ކައިިރިވަމުން އަންނަ އިރު އެގައުމުގެ މައި ދެޕާޓީގެ ކެމްޕޭން ވަނީ މެކުހަށް ޖަހާފަ އެވެ. ރިޕަބްލިކަން ޕާޓީން އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ މިޓް ރޮމްނީއަށް ތާއީދު ހޯދުމަށް އެޕާޓީން ބޮޑު އެއްވުމެއް ބޭއްވާފައިވާ އިރު ޑިމޮކްރެޓިކް ޕާޓީން މިހާރު ކުރިއަށް ގެންދަނީ އެޕާޓީގެ ބޮޑު "ކޮންވެންޝަން" އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ރަސްމީކޮށް، ރައީސް އޮބާމާ ނޯމިނޭޓްކުރުމަށް ބާއްވަމުންދާ ކޮންވެންޝަންގައި، އެމެެރިކާގެ މަޝްހޫރު އެއް ރައީސް ބިލް ކްލިންޓަން ރޭ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެމެރިކާގެ ރައްޔިތުންގެ ބޮޑު ތާއީދަކާ އެކު ދެދައުރުގައި ރައީސްކަން ކުރައްވާފައިވާ ބިލް ކްލިންޓަން އޮބާމާއަށް ކުރައްވާ ކޮންމެ ތައުރީފަކީ ގިނަ ބަޔަކު އެކަމަށް ސަމާލުކަން ދޭނެ ކަމެކެވެ.
އޮބާމާއަށް ތައުރީފުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކްލިންޓަން ވިދާޅުވީ "ގައުމުގެ އިގުތިސާދު އަލުން ރަނގަޅުހިސާބަކަށް އޮބާމާ ގެންދަވާނެ ކަން ހިތުގެ އަޑިން ގަބޫލުކުރެއްވޭ" ކަމަށެވެ.
ރައީސް ކްލިންޓަންގެ ވާހަކަ ފުޅަށް ފަހު ޑިމޮކްރެޓިކްޕާޓީން އޮބާމާ ރަސްމީކޮށް ނޮމިނޭޓްކުރުުން ފެށިގެން ދިޔަ އެވެ. އެގޮތުން އެމެރިކާގެ އެކި ސްޓޭޓްތަކުގައި ތިބި ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ފަރާތުން އަނގަބަހުންދޭ ވޯޓްތައްް ދިނެވެ.
އޮބާމާއާ ދެކޮޅަށް އެންޓި ކެމްޕޭން ކުރުމަށް ރިޕަބްލިކަން ޕާޓީން ދައްކާ މައިގަނޑު އެއް ވާހަކައަކީ ބޮޑެތި ހައްލުތައް ހޯއްދަވަން އޮބާމާ އެޅުއްވި ފިޔަވަޅުތަކުގެ ސަަބަބުން އެމެރިކާގެ އިގުތިސާދު "ގާވެފައިވާ" ކަމަށާއި އެކަމުގެ ސަބަބުން ޑެފިސިޓް ބޮޑުވެފައިވާ ވާހަކަ އެވެ. އޭގެ ޖަވާބުގައި ޑިމޮކްރެޓިކް ޕާޓީން ބުނަނީ ރޮމްނީގެ ސިޔާސަތުގެ ސަބަބުން އެމެރިކާ އަށް ރިސެޝަން އެއް ކުރިމަތިވާނެ ކަމަށާއި އެކަމުން މުއްސަނދިންނަށް ފައިދާވާ އިރު ފަގީރުންނަށް ގެއްލުންވާނެ ކަމަށެވެ.
ރިޕަބްލިކަން ކެންޑިޑޭޓަށް ފާޑު ވިދާޅުވަމުން ކްލިންޓަން ރޭ ވިދާޅުވީ މުޖުތަމައަށް ގެއްލުން ވެފައި އަމިއްލަ ކާމިޔާބީ އަށް އެދޭ ނަމަ ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދު ކުރުމަށް ގޮވާލައްވާ ކަމަށެވެ.
"ކުރިއެރުމާއި ޒިންމާ އުފުލުމުގައި (އެންމެން) ބައިވެރިވާ ގައުމެއް ތިޔަބޭފުޅުން ވޯޓް ދެއްވަން ޖެހޭނީ ބަރަކް އޮބާމާއަށް،" ކްލިންޓަން ވިދާޅުވި އެވެ.
ރިޕަބްލިކަން ޕާޓީން އޮބާމާއާ ދެކޮޅަށް ދައްކާ ވާހަކަތަކަށް ކްލިންޓަން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން އޮބާމާގެ ރިޔާސަތުގައި ކުރިމަތި ދަތި ކަންތައްތައް ކުރިމަތިކޮށްފައި ވަނީ ރިޕަބްލިކަން ޕާޓީން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ކެޮމްޕޭންގައި ރިޕަބްލިކަންޕާޓީން ދައްކާ ވާހަކަ ވަރަށް ސާދާ، (އެމީހުން އެބުނަނީ) އަހަރެމެން ވަނީ އޭނާ (އޮބާމާ) ބޮޑު ކަންތައް ގަނޑެއްގެ ތެރެއަށް ވައްދާފައި، އޭނާ އެކަމުން އަދި ސަލާމަތެއް ނުވޭ، އެހެންވީމާ އޭނާ ބޭރުކޮށްފައި އަހަރެމެން އަނބުރާ (ވެރިކަމަށް)ގެނޭ،" ރިޕަބްލިކަން ޕާޓީއަށް ފާޑުވިދާޅުވުމުގެ ގޮތުން ކްލިންޓަން ވިދާޅުވި އެވެ.
ބިލްކްލިންޓަން އާއި ބަރަކް އޮބާމާ އާ ދެމެދު އެހާ ރަނގަޅު ގުޅުމެއް ނު އޮތުމަކީ ގާތް ކަމެކެވެ. އެއީ 2008 ވަނަ އަހަރު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް އޮބާމާއާ ވާދަކުރެއްވީ ބިލްގެ އަނބިކަނބަލުން ހިލަރީ ރޯދަމް ކްލިންޓަން ކަމަށް ވާތީ އެވެ. އޭގެ އިތުރުން އެދެބޭފުޅުންނަކީ މިޒާޖުގެ ގޮތުން ވެސް ވަރަށް ތަފާތު ދެބޭފުޅުންނެވެ. އެގޮތުން ބިލްކްލިންޓަން އަކީ ގިނައިން ވާހަކަފުޅު ދައްކަވާ އަދި ވަރަށް ޖަޒުބާތީ ބޭފުޅެކެވެ. އަދި އޮބާމާއަކީ ވަރަށް ހަމަޖެހިވަޑައިގެން ހުންނަވާ، ވާހަފުޅު ދެއްކެވުން މަދު، ހިފެހެއްޓުންތަކެއް ގެންގުޅުއްވާ ބޭފުޅެކެވެ.
ކްލިންޓަންއާއި އޮބާމާއާ ދެމެދު ބޮޑެތި ތަފާތުތަކެއް ހުރި ކަމަށް ވިޔަސް އޮބާމާގެ ކެމްޕޭނަށް އެންމެ މުހިއްމު ބޭފުޅެއް ކަމަށް ޑިމޮކްރެޓިކްޕާޓީން ގަބޫލުކުރަނީ ކްލިންޓަން އެވެ. އެއީ ކެމްޕޭންގައި އޮބާމާ އެންމެ ބޮޑަށް ޖަވާބުދާރީ ވާން ޖެހޭ ދާއިރާއަކީ އިގުތިސާދު ކަމަށް ވާއިރު ކްލިންޓަން އަކީ އެމެރިކާއަށް އިގުތިސާދީ ގޮތުން ފަހިކަން ހޯއްދަވައި ދެއްވި ރައީސަކަށް ވާތީ އެވެ. (އެސޯސިއޭޓެޑް ޕްރެސް)
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓްލުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ.