ބޯޑާ ކޮންޓްރޯލް ސިސްޓަމަކީ ގައުމެއްގެ ސަރަހައްދީ އިމުން ބޭރުވެ އެތެރެވާ މީހުންގެ މައުލޫމާތު އަންގައިދޭ ޑޭޓާ ބޭހެވެ. ރާއްޖެ ހިމެނޭ ސަރަހައްދުގެ ގޮތުންނާއި ރާއްޖެ އަންނަ ބިދޭސީންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސައްހަ މައުލޫމާތު ދެނެގަތުމަކީ ރާއްޖެ ފަދަ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ އަދި ނިސްބަތުން ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ގައުކަމަށް މުހިންމު އަސާސީ ކަމެކެވެ.

ގައުމީ ސަލާމަތަށްޓަކައިވެސް އަދި އިގްތިސާދީ ގޮތުން ބަލާއިރުވެސް، އެކަށޭނަ ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމުކުރެވިފައި ހުރުމަކީ މިހާރުން މިހާރަށްވެސް ރާއްޖެއިން ކުރަންޖެހޭ ކަމެކެވެ. މި މަގްސަދުތަކަށްޓަކައި ޒަމާނީ ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމުކުރަން އިމިގްރޭޝަން ޑިޕާޓްމަންޓުން މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާ އެކު އޮކްޓޯބަރު 17، 2010 ގައި އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެކި ސަބަބުތަކާއި ހުރެ އެ މަސައްކަތުގައި ބުރަކި ޖެހުނަސް އެ މަސައްކަތް އަނެއްކާވެސް ދަނީ ކުރި އަށެވެ. ނަމަވެސް ޕްރޮޖެކްޓާ ގުޅުން ހުރި ސީރިއަސް ގާނޫނީ މައްސަލަތަކެއް އެބަހުއްޓެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރަން ސަރުކާރާއި ނެކްސްބިޒާއި ދެމެދު ވެފައިވާ އެއްބަސްވުން ބުނާ ގޮތުން މި މަޝްރޫއުގެ ދަށުން ނެކްސްބިޒް ލިމިޓެޑަށް ލިބޭނެ އާމްދަނީއަކީ ސިސްޓަމް ގާއިމްކުރާ ހިސާބުން ފެށިގެން ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ރާއްޖެއަށް އަންނަ އަދި ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން ދެ ޑޮލަރާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވިސާކާޑު ހެއްދުމަށާއި އަހަރުން އަހަރަށް ކާޑު އައުކުރުމަށް ނަގާ 15 ޑޮލަރެވެ.

ނެކްސްބިޒާއެކު އެފަދައިން އެއްބަސްވެފައިވާއިރު ގާނޫނު އަސާސީގެ 97 ވަނަ މާއްދާގައި ބުނަނީ "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން މެނުވީ ދައުލަތަށް އާމްދަނީއެއް ހޯދަން އެއްވެސް ޓެކްހެއް ނުވަތަ އެނޫންވެސް އެއްޗެއް ނުނެގޭނެ ކަމަށެވެ.

ނެކްސްބިޒަށް އެ ފައިސާ ނުނެގުމަކީ މުސްތަގުބަލުގައި ކަންވެދާނެ ގޮތެކެވެ. އޭގެ ވަރަށް ފުރިހަމަ މިސާލެއް މިހާރުވެސް ފެނެ އެވެ. އެއީ އެއާޕޯޓުން ފުރާ ދެއަހަރުން މަތީގެ ކޮންމެ ފަސިންޖަރެއްގެ އަތުން އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީީ) ގޮތުގައި ޖީއެމްއާރުން ނަގަން މަސައްކަތް ކުރި 25 ޑޮލަރެވެ. ނަމަވެސް އެ މައްސަލައިގައި ސިވިލް ކޯޓުގެ ރޫލިންއަކަށްވީ އޭޑީސީގެ 25 ޑޮލަރާއި އިންޝުއަރެންސް ސާޗާޖްގެ ދެ ޑޮލަރު ފުރާ މީހުންގެ އަތުން ނެގުމަކީ ގާނޫނާއި ޚިލާފު ކަމެއް ކަމަށެވެ. އަދި ޖީއެމްއާރާއެކު ވެފައިވާ އެގްރިމަންޓްގައި ހިމެނޭ އެބައި ވަނީ ކޯޓުން ބާތިލު ވެސް ކޮށްފަ އެވެ.

މަޖިލީހުން ފާސްކުރާ ގަނޫނަކުން ނޫނީ އެއްވެސް ޓެކްހެއް ނުނެގޭނެ ކަމަށް ގަނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު އަދި ޖީއެމްއާރުން ނަގަން އުޅުނު އެއާޕޯޓު ޑިވޮލަޕްމަންޓް ޗާޖާއި އިންޝުއަރެންސް ސާޖާޗް ނުނެގޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ނެކްސްބިޒުން ނަގަން އެއްބަސްވެފައިވާ ޗާޖްތައް ނެގިދާނެ ކަމާމެދު ސުވާލުއުފެދެ އެވެ.

ގަނޫނީ ވަކީލު މުހައްމަދު އަނިލް ވިދާޅުވާ ގޮތުގައި ރާއްޖެއަށް އަންނަ ކޮންމެ ބިދޭސީއެއްގެ އަތުންނާއި އަދި ރާއްޖެއިން ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން ނަގަން ނިންމާފައިވާ ދެ ޑޮލަރު ނެގޭނީ ރާއްޖެއިން ފުރާ ފަސިންޖަރުން އަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ. ނޫންނަމަ އެކަމާ ގުޅޭގޮތުން އިތުރު ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެނެވެ.

އޭނާ ވިދާޅުވާ ގޮތުގައި ބިދޭސީންގެ ވިސާކާޑު ހެއްދުމަށާއި އަހަރުން އަހަރަށް ކާޑު އާ ކުރުމަށް ނަގާ 15 ޑޮލަރަކީ ކާޑު ހެދުމަށް ދާ ޚަރަދުގެ ގޮތުގައި ނަގާ ފީއެއްކަމަށް ވާނަމަ އެއީ ނެގިދާނެ އެއްޗެކެވެ. ނަމަވެސް އާމްދަނީ ހޯދުމުގެ ގޮތުން ނަގާ ފީއެއްކަމަށް ވާނަމަ އެ 15 ޑޮލަރު ނުނެގޭނެ އެވެ.

"ރާއްޖެއަށް އަންނަ ކޮންމެ ބިދޭސީއެއްގެ އަތުން އަދި ރާއްޖެއިން ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން ނެގުމަށް ނެކްބިޒު ލިމިޓެޑުން ނިންމާފައިވާ ދެ ޑޮލަރު ނެގޭނީ ދިވެހި ރާއްޖެއިން ފުރާ ފަސިންޖަރުން އަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސްގެން ނޫންނަމަ އެކަމާ ގުޅޭ އިތުރު ގާނޫނެއް މަޖިލީހުން ފާސްކޮށްގެން. ނަމަވެސް ބިދޭސީންގެ ވިސާކާޑު ހެއްދުމަށާއި އަހަރުން އަހަރަށް ކާޑު އައުކުރުމަށް ނަގާ 15 ޑޮލަރަކީ ކާޑު ހެދުމުގެ މަސައްކަތުގެ ގޮތުގައިދާ ޚަރަދުގެ ބަދަލުގައި ނަގާއެއްޗެއްކަމަށް ވާނަމަ ނެގިދާނެ. އެކަމަކު އެއީ އާމްދަނީ ހޯދަން ނަަގާ އެއްޗެއް ނަމަ ނުނެގޭނެ،" އަނިލް ވިދާޅުވި އެވެ.

މި މައްސަލައިގައި ބައެއް އެހެން ގާނޫނީ ވަކީލުން ތަފާތު ވިސްނުން ވެސް ގެންގުޅުއްވަ އެވެ. ވަކީލު އަބްދުﷲ ހަސީން ވިދާޅުވާ ގޮތުގައި ރާއްޖެއަށް އަންނަ ކޮންމެ ބިދޭސީއެއްގެ އަތުން އަދި ރާއްޖެއިން ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން 15 ޑޮލަރު ނެގުމަށާއި އަދި ބިދޭސީންގެ ވިސާ ކާޑު ހެދުމާއި އަހަރުން އަހަރަށް ކާޑު އާ ކުރުމަށް ނަގަން ނިންމާފައިވާ ޗާޖަކީ އިމިގްރޭޝަނާއެކު ސޮއިކުރި އެއްބަސް ވުމުގައި އެއްބަސް ވެވިފައިވާ ކަމެއްކަމަށް ވާނަމަ އެޗާޖްތައް ނެގުމަށް ގަނޫނީ ގޮތުން ހުރަހެއް ނެތެވެ.

ގާނޫޫނީ ވަކީލު އަހުމަދު ޒަނީން އާދަމް ވިދާޅުވާ ގޮތުގައި އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖްގެ 25 ޑޮލަރާއި އިންޝުއަރޭންސް ސާޗާޖްގެ ގޮތުގައި ދެ ޑޮލަރު ނެގުމަށް ޖީއެމްއާރުން ނިންމި ނިންމުމާއި ނެކްސް ބިޒުން ނަގަން ނިންމާފައިވާ ޗާޖާއި އަޅައެއް ނުކިޔޭނެ އެވެ. ޖީއެމްއާރާއި ހަވާލުކޮށްފައިވާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަަކީ ބައިނަލްއަގުވާމީ ފެންވަރަށް ހަދާފައިވާ ތަނަކަށްވާއިރު ބޯޑާ ކޮންޓްރޯލް ސިސްޓަމަކީ ނެކްސް ބިޒުން މުޅިން އަލަށް ގާއިމް ކުރާ ސިސްޓަމަކަށްވާތީ އެވެ.

ަޒަނީން ވިދާޅުވާ ގޮތުގައި ޖީއެމްއާރުން އެއާޕޯޓުގައި ހަދާ ތަންތަން ހެދުމަށްދާ ޚަރަދަކީ ކޮބައިކަން ނޭނގޭ ކަމަށާއި ނަމަވެސް ނެކްބިޒުން ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރަނީ 39 މިލިއަން ޑޮލަރަށް ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި ޖީއެމްއާރުން ނަގަން އުޅުނު ޗާޖްތަކަކީ ދިވެހީންގެ އަތުން ވެސް ނަގާ އެއްޗަކަށް ވާއިރު ނެކްސް ބިޒުން ނަގަން ނިންމާފައިވާ ޗާޖްތަކަކީ ހަމައެކަނި ބިދޭސީންގެ އަތުން ނަގާ އެއްޗަކަށް ވާތީ އެކަމުން ދިވެހި އިގްތިސޯދަށް ވެސް ލިބޭނެ ގެއްލުމެއް ނެތެވެ. އެހެންކަމުން ނެކްސްބިޒުން ނަގަން ނިންމާފައިވާ ޗާޖްތައް ނެގުމަށް އެއްވެސް ހުރަހެއް އޮތް ކަމަކަށް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ.

"ޖީއެމްއާރުން ނަގަން އުޅުނު 25 ޑޮލަރުގެ އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖާއި އިންޝުއަރެންސް ސާޗާޖްގެ ގޮތުގައި ނަގާ ދެ ޑޮލަރަކީ އެއީ ދިވެހީންގެ އަތުން ވެސް ނެގޭ އެއްޗެއް. އެއާއި ޚިލާފަށް ނެކްސް ބިޒު ލިމިޓެޑުން ނަގަން އެއްބަސްވެފައިވާ ޗާޖްތަކަކީ އެއީ ހަމައެކަނި ބިދޭސީންގެ އަތުން ނަގަން ނިންމާފައިވާ އެއްޗެއް. އެހެންކަމުން ދިވެހި އިގްތިސޯދަށް އެކަމުން ލިބޭނެ އެއްވެސް ގެއްލުމެއް ނެތް. އެހެންވީމަ އެޗާޖްތައް ނެގުމަށް އެއްވެސް ހުރަހެއް ނެތް،" ޒަނީން ވިދާޅުވި އެވެ.

ނެކްސް ބިޒުން ނަގަން އުޅޭ ޗާޖްތަކަކީ ނެގިދާނެ އެއްޗެއްކަމަށް ބުނާއިރު އަނެއްބައި މީހުން ދަނީ އެއީ ނުނެގޭނެ އެއްޗެއްކަމަށް ބުނަމުންނެވެ. ނެކްސްބިޒުން ނަގާ ޗާޖްތަކަކީ ބިދޭސީންގެ އަތުން ނަގާ ޗާޖްތަކެއް ކަމަށް ވިޔަސް އެއިން ދިވެހި ދައުލަތަށް ކުރާ އެއްވެސް މަންފާއެއް ނެތެވެ. ނަމަވެސް އިމިގްރޭޝަންގެ ކަމާ ގުޅޭ މުވައްޒަފުނަށް އެސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތުގެ ތަމްރީނު ދިނުމަށް ފަހު ގާނޫނާއި އެއްގޮތަށް އެފަދަ ޗާޖެއް ނަގާނަމަ އެއީ ދިވެހި ދައުލަތަށް ކޮންމެވެސް ފައިދާއެއް ކުރާނޭ ކަމެކެވެ. ނަމަވެސް އޭގެ ކުރިން އުފެދިފައިވާ އަދި އުފެދިދާނެ ގާނޫނީ ސުވާލުތަކަށް ޖަވާބު ހޯދުން އަދި މާ މުހިންމެވެ.