06 Sep 2012, 10:22
ބޮޑެތި މާރާމާރީ އާއި ވައްކަމާއި މަސްތުވާތަކެތިން ފެށިގެން ގޮސް އިޖުތިމާއީ ބޮޑެތި ހުރިހާ ކުށުގެ ގޮޅިއަކަށް އެކި އުމުރުފުރާތަކުގެ ކުޑަކުދިން ދަނީ ފެތެމުންނެވެ. ޒުވާން ޖީލު ހަލާކުވެ ނެތެމުންދާއިރު، މި މައްސަލަތައް ވަނީ ސިޔާސީ ވެފަ އެވެ. ކުށުގެ މައްސަލައިގައި ކުދިން ފުލުހުން ހައްޔަރުކުރާ ހިސާބުން ފެށިގެން ޝަރީއަތް ކުރާ ކޯޓުތަކުން ކުޑަކުދިންނާ މެދު ކުރާ ހުކުމްތައް ވެސް ބަލައިގަންނަނީ ސިޔާސީ ކަމެއްގެ ގޮތުގަ އެވެ.
ރާއްޖޭގެ ގާނޫނު ބުނާ ގޮތުން ކުޑަކުއްޖެއްގެ އުމުރުގެ ގޮތުގައި ބުނާ 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކީ ކުޑަ ކުއްޖެކެވެ. ނަމަވެސް އޭގެ މާނައަކީ އެއީ ކުދިން ކުށްކުރަން ނުވަތަ ކުށްކުރާ ކުދިންނަށް އެކަށީގެންވާ އަދަބު ނުދިނުމެއް ނޫނެވެ.
ކުޑަކުދިންގެ ހައްގުތަކުގައި ވަކާލާތު ކުރާ ކެޕްސް އިން ބުނި ގޮތުގައި ކުޑަކުއްޖެއްގެ އުމުރަކީ 18 އަހަރުން ދަށް ކަމުގައި ގާނޫނުގައި ކަނޑާއަޅާފައިވުމުން އެ މައްދާއިން ނާޖާއިޒު ފައިދާތައް ނަގަ އެވެ. އެއީ މުޅި ގައުމަށް ވެސް ދެވޭ ނުރައްކާތެރި ސިގްނަލެކެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައިވާ ގޮތުން ދިވެހިރާއްޖޭގެ ކުޑަކުދިންނަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ، ދިވެހި ގައުމުދެކެ ލޯބިވާ، ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވޭ ސިއްހަތު ރަނގަޅު ބަޔަކަށް ހެދުމަށްޓަކައި މަސްކަތް ކުރުމަކީ ދިވެހި ސަރުކާރާއި މައިންބަފައިންނާ ރައްޔިތުންގެ ވާޖިބެކެވެ. ނަމަވެސް ގާނޫނުގައި ބުނާ ޒިންމާ އުފުލާތޯ ސުވާލު އުފެދެ އެވެ.
މިއަހަރުގެ ތެރޭ ފެންމަތިވި ކުޑަކުދިންނާ ގުޅޭ ތާފާތު މައްސަލަތަކަށް ބަލައިލުމުން އެކަމަށް ސާފު ޖަވާބެއް ލިބެ އެވެ. މިއަހަރުގެ ފުރަތަމަ ހަތަރު މަސްތެރޭ ބަދުއަޚުލާގީ އަމަލު ހިންގުމުގެ މައްސަލަތަކުގައި 16 ކުއްޖަކު ހިމެނެ އެވެ. އަދި އެހެން ކުޑަކުއްޖަކަށް ޖިންސީ ހާނިއްކަ ކުރި ހަ ކުޑަ ކުއްޖެއް މައްސަލަ ހިމެނޭއިރު، ހަތަރު ކުއްޖަކު އެ މުއްދަތުގައި ބަލިވެ އިނެވެ. އެ މައްސަލަތަކުގެ އިތުރުން 19 ކުއްޖަކު ގެއިން ނުކުމެގެން ގޮސްފައިވެ އެވެ. އަދި ހަތަރު މަސްތެރޭ އުޅުން ގޯސްވި 16 ކުއްޖެއްގެ މައްސަލަ ވެސް ޖެންޑާއަށް ހުށަހެޅި އެވެ. އަދި ހަ މަހުގެ ތުއްތު ކުއްޖެއް އެކަނި ގެސްޓް ހައުސް އެއްގެ ތެރޭ އޮއްވައި ފެނުނު އިރު އެ ކުއްޖާގެ މަންމަގެ އުމުރަކީ 13 އަހަރެވެ.
ކުޑަކުދިންގެ މައްސަލަތަކުގައި ހުރިހާ ފަރާތްތަކެއްގެ އިހުމާލު ފެންނައިރު، އިހުމާލުވާ އެފަދަ ބައެއް ކުދިންނަށް ހިޔާއަޅައިދެނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ނެވެ.
ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ޑރ. އައިޝަތު ރަމީލާ ވިދާޅުވި ގޮތުގައި ކުޑަކުދިން ބެލުމަށް އިހުމާލުވާ ފަރާތްތަކުން ދޫކޮށްލާ އެތައް ކުދިންނެތް ކުޑަކުދިންގެ ހިޔާގައި އެބަތިއްބެވެ. މައިންބަފައިންގެ ފަރާތުން އިހުމާލުވާ ނުވަތަ އެކުދިން ބެލުމަށް ހަވާލުވެފައިވާ މީހުންގެ އިހުމާލެއް ކުރިމަތިވެ ނޫނީ ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ގެއްލުމެއް ނުވަތަ ގެއްލުމަކަށް ހުށަހެޅިގެންދާ ކަހަލަ ހާލަތެއްގައި ޖެންޑާގެ ބެލުމުގެ ދަށަށް އެކުއްޖަކު ގެންދެ އެވެ.
"އަޅުގަނޑުމެން އެބަ ނަގަން ކުޑަކުދިން އަޅާލާނެ މީހަކު ނެތި ތަންތަނަށް އެއްލާލާފައި ތިބޭ ކުދިން. ނޫނީ ބާއްވާފައި ތިބޭ ކުދިން. ކައިވެނި ރޫޅުމުގެ ސަބަބުން ބަލާނެ މީހަކު ނެތް ކުދިން. މައިންބަފައިން މަރުވުމުގެ ސަބަބުން ބަލާނެ މީހަކު ނެތް ކުދިން. އަދި ހަމައެފަދައިން ޑްރަގްގެ ވަބާގައި ޖެހިފައި ތިބޭ މައިންބަފައިންގެ ކުދިން ވެސް ބަލަން،" ޑރ. ރަމީލާ ވިދާޅުވި އެވެ.
ރަމީލާ ފާހަގަ ކުރައްވާ ގޮތުގައި އެފަދަ ކުދިން ބެލުމުގައި މިހާރު އެންމެ އިސްކަމެއް ދެނީ އެކުދިން ރަނގަޅު އާއިލާއެއްގެ ތެރޭ ބަލަހައްޓަމުން ގެންދެވޭނެ ގޮތަކަށެވެ. އެގޮތުން މިދިޔަ މަހު ވެސް ދެ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ދެ އާއިލާއަކާ ހަވާލުކުރި އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ތިބޭ މުއްދަތަކީ ވެސް ކޮންމެ އާއިލާއެއްގެ ތެރޭ ތިބެގެން ބޮޑެތިވާ މުއްދަތެއްގެ ގޮތުގައި ހެދޭތޯ ޖެންޑާއިން އަންނަނީ މަސައްކަތް ކުރަމުން ނެވެ.
ޖެންޑާގެ ބެލުމުގެ ދަށުގައި އެތަށް ކުދިންނެތް ބަލަމުންދާއިރު މިހާރުން މިހާރަށް ވެސް ހިމާޔަތާ ރައްކާތެރިކަން ދޭންޖެހޭ އެތަށް ކުދިންނެތް ތިބިކަން އެމިނިސްޓްރީން ބުނެ އެވެ.
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް އިތުރުވަމުން ދާއިރު އޮތް އަނެއް ހުރަހަކީ ރެކޯޑް މިންވަރަކަށް ރާއްޖޭގައި އިތުރު ވަމުން އަންނަ ވަރީގެ މައްސަލަ އެވެ.
ޖެންޑާ މިނިސްޓްރީގެ ލީގަލް ސެކްޝަން، ފާތިމަތު ލަތީފާ ވިދާޅުވި ގޮތުގައި ރާއްޖެއަކީ ވަރީގެ ރެކޯޑް އެންމެ މަތީގައި އޮންނަ ގައުމަށް ވާއިރު އެކަމުގެ އެންމެ ބޮޑު ގެއްލުމެއް ލިބެމުންދަނީ ކުޑަކުދިންނަށެވެ. އަދި ދެމަފިރިން ވަރިވެގެންދާއިރު، ގިނަފަހަރަށް ކުދިން ބެލުމާ ހަވާލުވާ އަންހެން މީހާއަށް މާ ބޮޑެތި ނަފާތަކެއް ނުލިބެ އެވެ.
"ރާއްޖެއަކީ ވަރި ގިނަ ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައި އޮންނަ އިރު މީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކުޑަކުދިންނަށް. ވަރި ކުރުމުން އެ އާއިލާގައި ހުންނަ އަންހެނަކަށް ގިނަ ފަހަރަށް އޮންނަނީ ގިނަ މަސައްކަތެއް ކުރިވިފައި އެކަމަކު އޭނައަކަށް އެކަމުން މާބޮޑު މާލީ ނަފާއެއް ނުލިބޭ. އެހެންވެ މިކަންތަކަށް ބަލާ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން އާއިލާއާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެންނަން،"ލަތީފާ ވިދާޅުވި އެވެ.