އިސްލާމީ ގައުމުތަކުގެ އަސްކަރިއްޔާތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން އިރާންގެ އާމަޑް ފޯސަސްގެ ފަރާތުން އިރާންގެ ވެރިރަށް ތެހެރާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއާން ކިޔެވުމުގެ މުބާރާތެއްގައި ސިފައިންގެ ދެ އޮފިސަަރަކު ބައިވެރިވުމަށް ފުރުސަތު ލިބިއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ކީރިތި ރަސޫލާގެ އީދު މީލާދީއާ ދިމާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވުމަށް ހަމަޖެހިފައި ވަނީ ލެފްޓިނަންޓް އަބްދުލްމަޖީދު އިބްރާޙީމް އާއި ކޯޕްރަލް އަހުމަދު ނާއިދު ކަމަށެވެ.

ކެޓަގަރީތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ލެފްޓިނަންޓް އަބްދުލްމަޖީދު އިބްރާޙީމް ބައިވެރިވެފައި ވަނީ 15 ފޮތް ހިތުން ކިޔެވުމުގެ ކެޓަގަރީން ކަމަށާއި ކޯޕްރަލް އަހުމަދު ނާއިދު ބައިވެރިވެރިވުމަށް ހަމަޖެހިފައި ވަނީ ފަސް ފޮތް ހިތުން ކިޔެވުމުގެ ކެޓަގަރީގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ މުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ 30 ފޮތް ހިތުން ކިޔެވުމުގެ ބަޔާއި 15 ފޮތް ހިތުން ކިޔެވުމުގެ ބަޔާއި ފަސް ފޮތް ހިތުން ކިޔެވުމުގެ ބައިގެ އިތުރުން ގިރާއަތު އަދި ގުރުޢާނާ ބެހޭ ރިސާޗް ހެދުމުގެ ބަ އެވެ. މިއިން ކޮންމެ ކެޓަގަރީއެއްގައި ވެސް އެކަކު ބައިވެރިކުރުމުގެ ފުރުސަތު ދިވެހި އަސްކަރިއްޔާ އަށް ވަނީ ލިބިފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.