02 Sep 2010, 10:17
15:00
ސަންއެފްއެމް އޮންލައިންގެ ޑޮމެއިން އެޑްރެސް އަށް މިއަދު ބަދަލެއް ގެނެސްފި އެވެ. މި ބަދަލުގެ ސަބަބުން ސަންއެފްއެމް އޮންލައިނަށް ވަނުމަށްޓަކައި ދެން ބޭނުންކުރާނީ ސަންއެފްއެމް ޑޮޓްކޮމް ޑޮޓްއެމްވީ އެވެ. ނަމަވެސް ކުރިން ބޭނުންކުރަމުން އައި ޑޮމެއިން އެޑްރެސް ވެސް ދުވަސްކޮޅެއް ވަންދެން ބޭނުންކުރެވޭނެ އެވެ.
ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި "ސަންއެފްއެމް އޮންލައިންގެ" މަގްބޫލުކަން ވަރަށް ބޮޑަށް އިތުރުވެ، ވެބްސައިޓުގެ ހިޓް ރޭޓް ދެ މިލިއަނަށްވުރެ މައްޗަށް ވަނީ އަރައިފަ އެވެ.
މި ކުރިއެރުމާއެކު، ސަންއެފްއެމްގެ ވެބްސައިޓް ވެގެން ގޮސްފައި ވަނީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑު މަޝްހޫރު ކަމެއް ހޯދި ދިވެހި ވެބްސައިޓަށެވެ. ސަންއެފްއެމް އޮންލައިންގެ މިހާރުގެ ޖުމްލަ ހިޓް ރޭޓަކީ އެއް މިލިއަން ހަތަރު ލައްކަ ސާޅީސް އަށް ހާސް ތިން ސަތޭކަ އެގާރަ އެވެ. މިއީ މިދިޔަ މެއި މަހުގެ ހިޓް ރޭޓާ އަޅާބަލާއިރު 85 ޕަސަންޓް އިތުރު އަދަދެއްކަން ފާހަގަކޮށްލެވެ އެވެ.
މިދިޔަ މެއި މަހު ސަންއެފްއެމް ވެބްސައިޓަށް ވަދެ އުޅުނު މީހުންގެ އަދަދު ނުވަހާސް އެއްސަތޭކަ ހަތްދިހަ ނުވަ އެއްގައި އުޅުނު ނަމަވެސް، މި އަދަދު މިހާރު ވަނީ ފަންސަވީސް ހާސް ހަތަރު ސަތޭކަ ތޭރަ އަށް އިތުރުވެފަ އެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ދިހަ ހާހެއްހާ މީހުން ސަންއެފްއެމް އޮންލައިންގެ ޚަބަރުތައް ކިޔާ އުޅެ އެވެ.
ސަންއެފްއެމް އޮންލައިންގެ މަގްބޫލުކަން އިތުރުވެގެން ގޮސްފައި މިވަނީ، އެ ވެބްސައިޓަކީ ސަން މީޑިއާ ގްރޫޕުގެ ކުޑައިގެ ދަށުން ހިންގާ ވަކި ވެބްސައިޓެއްގެ ގޮތުގައި ހަމަޖެއްސުމަށްފަހު، ސަންއެފްއެމް އޮންލައިން ރީބްރޭންޑް ކުރުމާ ގުޅިގެންނެވެ. އަދި ޚަބަރުތަކުގެ އެންމެ ފަހުގެ އަޕްޑޭޓްތަކުގެ އިތުރުން އެންމެ އަވަހަށް ބްރޭކިން ނިއުސް ގެނެސްދޭ ވެބްސައިޓަކަށް ވެސް ސަންއެފްއެމް އޮންލައިންވުމާ ގުޅިގެންނެވެ.
މި ވެބްސައިޓު މެދުވެރިކޮށް ސަންއެފްއެމް ލައިވްކޮށް އަޑުއެހޭނެ އެވެ. އަދި ޚަބަރަށް ކޮމެންޓްކޮށް ޚިލާޔު ވެސް ފާޅުކުރެވޭނެ އެވެ.