ޕެރިސް (ސެޕްޓެމްބަރ 6): އިސްރާއީލުން ވިހަލައިގެން އަވަހާރަވެފައިވާ ކަމަށް ބެލެވިފައިވާ ފަލަސްތީނުގެ ކުރީގެ ރައީސް އަދި ޕީއެލްއޯގެ ކުރީގެ ލީޑަރު ޔާސިރު ޢަރަފާތުގެ ކަށިން ސާމްޕަލް ނެގުމަށް ޓަކައި ފަރަންސޭސި ފަނޑިޔާރުންގެ ޓީމަކާއި ފަރަންސޭސި ފުލުހުންގެ ޓީމެއް އޭނާ ފަސްދާނުލެވިފައިވާ ރާމަﷲ އަށް ދިޔުމަށް ތައްޔާރުވަމުންދާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

މިކަން ހާމަކުރައްވަމުން ނެރުއްވި ބަޔާނެއްގައި ޢަރަފާތުގެ ހުވަފަތް އަނބިކަނބަލުން ސުހާ ވިދާޅުވީ ޢަރަފާތު އަވަހާރަވީ އިސްރާއީލުން ޕޮލޯނިޔަމް ކިޔާ ރޭޑިޔޯ އެކްޓިވް މާއްދާއަކުން އޭނާ އަށް ވިހަލައިގެން ކަމަށް ބެލެވިފައިވާ މައްސަލަ ފަރަންސޭސި ފަނޑިޔާރުންގެ ޓީމަކުން ތަހުގީގު ކުރަމުންގެންދާ ކަމަށާއި ޢަރަފާތުގެ ހަށިކޮޅުން މިކަމަށް ބޭނުންވާ ސާމްޕަލްތައް ނަގައި މިކަމަށް އެހީތެރި ވާނީ ފަރަންސޭސި ފުލުހުންގެ ފޮރިންސިކް ޓީމަކުން ކަމުގަ އެވެ.

ޢަރަފާތު އަވަހާރަވެފައި ވަނީ ނިއުކްލިޔާ ވިހައިގެ ސަބަބުން ކަން ކަށަވަރުވީރާމަﷲގައި އިސްރާއީލުން ފަލަސްތީނުގެ ރިޔާސީ އޮފީހުގައި ޢަރަފާތު ހިސާރު ކޮށްގެން އުޅުނު ދުވަސްވަރު ޢަރަފާތުބޭނުން ކުރެއްވި ހެދުންކޮޅުތަކާ ގެންގުޅުއްވި ޕާސަނަލްތަކެތި ސްވިސްޓްޒަރލޭންޑްގެ ޚާއްސަ ލެބޯޓްރީއެއްގައި ޓެސްޓްކުރުމުން ނިއުކްލިޔާ ރޭޑިއޯ އެކްޓިވް މާއްދާއެއް ކަމަށްވާޕޮލޯނިޔަމްގެ އަސަރު އެތަކެތީގައި ވަރަށް ބޮޑަށް ހުރިކަން ދާދިފަހުން ސާބިތުވުމުންނެވެ. މިތަޙްގީގުތައްކުރީ އަލްޖަޒީރާއިން އިސްނަގައިގެންނެވެ.

ސްވިސް ލެބޯޓްރީގެ ޓެސްޓްތަކަށް ފަހު ފަލަސްތީނުގެ ސަރުކާރުންނާއި ޢަރަބި ލީގުން ވަނީ ޢަރަފާތަށް ވިހަލާފައި ވަނީ އެމެރިކާ އާއި އިސްރާއީލު ގުޅިގެން ރޭވިރޭވުމެއްގެ ދަށުން ކަމަށް ތުހުމަތުކޮށް މި މައްސަލަ ބައިނަލްއަޤްވާމީ ގޮތުން ތަޙްޤީޤްކުރުމަށް ގޮވާލާފަ އެވެ. ޢަރަފާތު ގެ ކަށިން ސާމްޕަލް ނެގުމަށްޓަކައި އޭނާގެ ކައްވަޅު ކޮނުމުގެ ހުއްދަވެސް ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސް ވަނީ ޢަރަފާތުގެ ތަކެތި ޓެސްޓްކުރި ސްވިސް ލެބޯޓްރީގެ ފަންނީ ބޭފުޅުންނަށް ދެއްވާފަ އެވެ.

ޢަރަފާތު އަވަހާރަވީ އިސްރާއީލުގެ ޙިސާރުގެ ދަށުގައި އޭނާ ހުންނަވާތާ އެތައް މަހެއް ފަހުން އޭނާގެ ޙާލުކޮޅު މާބޮޑަށް ދާންފެށުމުން ފަރަންސޭސި އޭރުގެ ރައީސް ޖެކް ޝިރާކް ފޮނުއްވި ޚާއްސަ މަތިންދާބޯޓެއްގައި ފަރަންސޭސި ޢަސްކަރީ ހޮސްޕިޓަލަކަށް ޢަރަފާތު ގެންގޮސް އޭނާއަށް ފަރުވާދެމުން ގެންދަނިކޮށް 2004 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގަ އެވެ. ޢަރަފާތު އަވަހާރަވި ސަބަބު ބެލުމަށް އޭނާގެ ހުވަފަތް އަނބިކަނބަލުން ސުހާ ފަރަންސޭސި ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގަތުމުން އެދުވަސްވަރު އެއިދާރާތަކުން އެކަމަށް އިޖާބަ ދީފައެއްނުވެ އެވެ. ނަމަވެސް އަލްޖަޒީރާގެ ތަޙްޤީޤްތަކުން ޢަރަފާތަށް ވިހަލާފައިވާކަން ސާބިތުވުމުން ސުހާ ވަނީ ޢަރަފާތު އަވަހާރަވި މައްސަލަ ބަލައިދިނުމަށް ފަރަންސޭސި ކޯޓަކަށް މައްސަލަ ހުށަހަޅުއްވާފަ އެވެ. މިހުށަހެޅުމާ އެކު ފަރަންސޭސި ޝަރްޢީ ދާއިރާއިން މިހާރުވަނީ މިކަން ތަޙްޤީޤް ކުރަންފަށަފަ އެވެ.

ސުހާ ގެ އެދިވަޑައިގަތުމާ އެކު ޢަރަފާތުގެ މައްސަލާގައި ޢަރަބި ލީގުންނާއި ފަލަސްތީނުގެ ޒާތީ އިދާރާއިން ކުރަން މަސައްކަތްކުރި ތަޙްޤީޤްތައް މިވަގުތުވަނީ ވަގުތީގޮތުން މަޑުޖައްސާލާފަ އެވެ. ސުހާގެ އެދިވަޑައިގަތުމާ އެކު ފަރަންސޭސިވިލާތުގެ ލުޒާންގައި ހުންނަ "ރޭޑިއޭޝަން ފިޒިކްސް" އާބެހޭ ޢިލްމީ މަރުކަޒަކުން ވަނީ ޢަރަފާތަށް ލާފައިވާ ކަމަށް ބެލެވޭ ނިއުކްލިޔާ ވިހައިގެ މައްސަލަ ޢިލްމީގޮތުން އިތުރަށް ތަޙްޤީޤް ކޮށްދިނުމަށް ތައްޔާރަށްއޮތްކަމަށް ބުނެފަ އެވެ. މިއީ މުޅި ޔޫރަޕްގައި ވެސް ހުންނަ ރޭޑިއޭޝަން ފިޒިކްސް އާބެހޭ އެންމެ ފެންވަރު ރަނގަނޅު މަރުކަޒެވެ. (އަލްޖަޒީރާ)