ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ޝަންހާއީގެ ބައެއް ވިޔަފާރިވެރިންނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގައި އިންވެސްޓު ކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ މަޝްހޫރު 13 ކުންފުންޏެއްގެ ޗެއާމަނުންނާއި ސީއީއޯ ފެންވަރުގައި ބޭއްވުނު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ކަމަށެވެ.
އެ ބައްދަލު ކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ޝަންހާއީ ސްޓޭޓް ގެސްޓްހައުސްގަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުރި ދާއިރާތަކާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފަތުރުވެރިކަމުގައި ޗައިނާގެ ފަތުރުވެރިންނަށް ޚާއްޞަކޮށް ޕްރޮޕަޓީއެއް ތަރައްޤީކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ، އިންވެސްޓް ކުރުމަށް ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ޤައުމެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި އިންވެސްޓަރުންގެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ފުރުސަތު ދެއްވި އެވެ. މި ބައްދަލުވުން ދެގަޑިއިރަށް ދެމިގެންގޮސްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ފޮރިން މިނިސްޓަރ ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.