ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކާއި އެ މަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން، ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޝަންހާއީ ސިޓީގެ މޭޔަރު ހަން ޒެން، މެންދުރުގެ ފަރިއްކޮޅެއް އިއްޔެ ދެއްވައިފި އެވެ. އެ ފަރިއްކޮޅު އޮތީ ޝަންހާއީގެ މޭޔަރުގެ ރަސްމީ އޮފީހުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޝަންހާއީ ސިޓީގެ މޭޔަރ މރ. ހަން ޒެން ދެއްވި ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ޝަންހާއީ އަރބަން ޕްލޭނިންގް އެގްޒިބިޝަން ބައްލަވާލެއްވުމުން، ޝަންހާއީއާއި މާލޭ ސިޓީއާ ތޮއްޖެހުމުގައި ވަރަށް އެއްގޮތްކަން ފާހަގަކުރެވޭ ކަމުގައި ވިދާޅުވެފަ އެވެ. ނަމަވެސް ޝަންހާއީ ސިޓީއާ އަޅާބަލާ އިރު މާލޭ ސިޓީއަކީ، ވަރަށް ކުޑަ ތަނެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުގައި، ޝަންހާއީގެ ތަރައްޤީގެ ދަތުރުން ޙާޞިލު ކުރެވިފައިވާ ފިލާވަޅުތަކުގައި ދިވެހިރާއްޖެ އަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ވަރަށް އެދެވޭ ގިނަ ތަޖުރިބާތަކެއްވާކަން ފާހަގަކުރެއްވި އެވެ. އަދި މިކަމުގައި މޭޔަރުގެ އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.

ޝަންހާއީ ސިޓީގެ މޭޔަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމުގައި ވެދެއްވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިވެދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޝަންހާއީ ސިޓީގެ މޭޔަރު ބޭއްވެވި މެންދުރުގެ ފަރިއްކޮޅުގައި ރައީސްގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.