ޣައްޒާ(ސެޕްޓެމްބަރ 6): ޣައްޒާގެ މެދުތެރޭގައިވާ އަލްބްރީޖް ރެފިއުޖީ އަވަށަށް އިސްރާއީލުން ރޭ އިރާކޮޅު ދިން ވައިގެ ޙަމަލާތަކެއްގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެ އިތުރުބަޔަކު ޒަޚަމްވެއްޖެ އެވެ.

ޣައްޒާގެ ސިއްޙަތާ ބެހޭ ދާއިރާތަކުން ބުނި ގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގައި ތިން މީހަކު ޝަހީދުވުމުގެ އިތުރުން އަލްބްރީޖް ރެފިއުޖީ އަވަށުގެ ގެތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އިސްރާއީލުން ވަނީ ޙަމަލާދިނީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ޙަމަލާދޭ ފިދާއީންނަށް ކަމަށްބުނެ މިޢުދުވާން ދިފާޢުކުރަން މަސައްކަތްކޮށްފަ އެވެ. މިޙަމަލާގެ ޒިންމާ އުފުލަން ޖެހޭނީ ފަލަސްތީނުގެ ފިދާއީ ޖަމާޢަތެއް ކަމަށްވާ ޙަމާސް އިން ކަމަށްވެސް އިސްރާއީލުގެ ސިފައިން ނެރުނު ރިޕޯޓެއް ބުނެ އެވެ.

ޙަމާސުންވަނީ ފަލަސްތީނުގެ ބިންތައް ހިފައިގެންއޮންނަހާ ހިނދަކު އިސްރާއީލާ ދެކޮޅަށް ހަމަލާދީ މިނިވަންކަމުގެ ހަނގުރާމަކުރުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިވާ ޙައްޤެއް ކަމަށް ބުނެފަ އެވެ. މިޙައްޤު ކަށަވަރު ކުރުމަށާއި ފަލަސްތީނުގެ ބިންތައް ހިފައިގެން އަމާންކަމުގައި އޮތުމުގެފުރްސަތު އިސްރާއީލަށް ނުދިނުމަށްޓަކައި ފަލަސްތީނުގެ ފިދާއީ ޖަމާއަތްތަކުން ގެންދަނީ ދޭތެރެއަކުން އިސްރާއީލުގެ ޢަސްކަރީ މަރުކަޒުތަކަށް ރޮކެޓް ޙަމަލާތައް ދެމުންނެވެ.
އިސްރާއީލުން ރޭ ޣައްޒާއަށް ޙަމަލާދީފައިވަނީ ފިދާއީންނާދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އިސްރާއީލުގެ ދިފާޢީ ވަޒީރު އިހޫދް ބަރާކް ދެއްވާފައިވަނިކޮށެވެ. (އަލްޖަޒީރާ)