ޤާހިރާ (ސެޕްޓެމްބަރ 5) : ތާރީޚުން ޢިބްރަތް ޙާސިލް ކުރެއްވުމަށް މިސްރުގެ ރައީސް މުޙައްމަދު މުރްސީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަށް ގޮވާލައްވައިފިއެވެ.

ޢަރަބި ލީގުގެ 138 ވަނަ ސެޝަން ފެށުމުގެ ރަސްމިއްޔާތުގައި ޤާހިރާގައި ހުންނަ ޢަރަބި ލީގުގެ ސެކްރެޓޭރިއަޓްގައި ވާހަކަ ދައްކަވަމުން ބައްޝާރަށް އަމާޒުކޮށް މުރްސީ ވިދާޅުވީ ސޫރިޔާގެ ރައްޔިތުންގެ ލޭ ކޮންމެ ދުވަހަކު އޮހޮރައި ލޭގެ ކޯރު ހައްދައިގެން ވެރިކަމުގައި ދެމިހުންނެވޭނެ ކަމަށް ހީނުކުރެއްވުމަށެވެ. "ބައްޝާރަށް ދެން ގިނަދުވަހު ވެރިކަމުގައި ނުހުންނެވޭނެ. ސޫރިޔާގެ ރައްޔިތުން ބައްޝާރާ ދިމާއަށް ނޫނެކޭ ބުނެފި" މުރްސީ ވިދާޅުވިއެވެ. ނަމަވެސް ބޭރުގެ ބާރުތައް ޢަސްކަރީ ގޮތުން ސޫރިޔާއަށް ވަދެގަތުމަށް ދެކޮޅު ހައްދަވާ ކަމަށް މުރްސީ ވިދާޅުވިއެވެ. އަދި ތާރީޚުން ޢިބްރަތް ޙާސިލް ކުރުމަށްފަހު އަވަހަށް ވެރިކަމުން ފޭބުމަށާއި ވަގުތު ނަގާނުލުމަށްވެސް މުރްސީ ބައްޝާރަށް ގޮވާލެއްވިއެވެ. ވަގުތު ނަގާލައިފިނަމަ ބައްޝާރުގެ މުސްތަޤްބަލްވެސް ވަރަށް ބަނަވާނެ ކަމަށް މުރްސީ ވިދާޅުވިއެވެ. ޢަރަބި ލީގުގެ މިސެޝަނަކީ ސޫރިޔާގެ މައްސަލައަށް ޚާއްސަކޮށްފައިވާ ސެޝަނެކެވެ.

ބައްޝާރު ވެރިކަމުން ފޭބުމަށް ދެކޮޅު ހެއްދެވުމާގުޅިގެން ސޫރިޔާގައި އުފެދިފައިވާ އަހްލީ ހަނގުރާމައިގާ ކޮންމެ ދުވަހަކު އެވްރެޖްކޮށް ސަތޭކަ ހަތްދިހައެއްހާ މީހުން މަރުވެ އެތަށް ސަތޭކަބަޔަކު ޒަޚަމްވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެތެރެއިން ގިނަމީހުން މަރުވަމުންދަނީ ބައޝާރަށް ވަފާތެރި ސޫރިޔާ ސިފައިންގެ ޙަމަލާތަކުގައެވެ.

ސޫރިޔާގެ އަހްލީ ހަނގުރާމައިގެ ކަންތައްތައް ދާގޮތުން އެހަނގުރާމަ ދިގުލައިގެންދާނެކަމަށް މުޙައްލިލުން ލަފާކުރެއެވެ. ސަބަބަކީ ބައްޝާރުގެ ސިފައިން ބަލިކޮށް އޭނާގެ ވެރިކަން ވައްޓާލުމުގެ ޤާބިލްކަން އިިދިކޮޅު ހަނގުރާމަވެރިންގެ ކިބާގައި ނެތުމެވެ. މިޤާބިލްކަން ނެތިފައިވަނީ ހަނގުރާމަވެރިންނަށް ޒަމާނީ ހަތިޔާރު ނުލިބޭއިރު ބައްޝާރުގެ ސިފައިން ޒަމާނީ ހަތިޔާރު ބޭނުންކޮށް ހަނގުރާމަވެރިން ފަހަތައް ޖައްސަމުން ގެންދާތީއެވެ. ސޫރިޔާގެ ހަނގުރާމަވެރިންނަށް ތާއީދުކުރާ އެމެރިކާއާއި ޔޫރަޕުންވެސް އެމީހުންނަށް ޒަމާނީ ހަތިޔާރާއި ތަމްރީން ފޯރުކޮށްދިނުމަށް ދަނީ ފަސްޖެހެމުންނެވެ.

ސޫރިޔާގައި މިއަދުވެސް 105 މީހުން މަރުވެފައިވާ ކަމަށް "ދަ ސީރިޔަން ނެޓްވާކް ފޯ ހިއުމަން ރައިޓްސް" ބުނެއެވެ. އިއްޔެ ސޫެރިޔާގައި 200 އަށްވުރެ ގިނަމީހުން މަަރުވެފައިވެއެވެ. އަދި މިދިޔަ އަހަރުގެ މާޗްމަހު ސޫރިޔާގައި ހަމަނުޖެހުން ފެށުނުފަހުން މިހާތަނަށް ބައިލައްކަމީހުން ސޫރިޔާގައި މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ނޫސްއެޖެންސީތައް