05 Sep 2012, 18:07
ދުބާއީގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ "އިން އިމާރާ ދުބާއީ" އިން ކޮންމެ މަހަކު ރާއްޖޭގެ ޒަކާތުފަންޑަށް 10000 ޑޮލަރު )154،200ރ.( ދޭން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދާއި އިން އިމާރާ ދުބާއީ ކޮމްޕެނީގެ ވެރިޔާ ފީރޯޒް މިއަދު މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޒަކާތު ފަންޑުންދޭ ފައިސާ ކޮންމެ އަހަރަކު އިތުރު ކޮށްދެއްވާތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ފީރޯޒު ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އާއި އެ ކުންފުންނާ ދެމެދު އެއްބަސްވުންތައް ބަދަލުކޮށް ނިމުނުހާ އަވަހަކަށް ޒަކާތުފަންޑަށް ޖަމާކުރާ 10000 ޑޮލަރު ޖަމާކުރުމުގެ މަސައްކަތް ކުރައވާނެ ކަމަށާއި މި މަހުން ފެށިގެން އެ ފައިސާ ޖަމަކުރާނެ ކަމަށެވެ.
އިސްލާމިކު މިނިސްޓަރު ޝަހީމުގެ ވާހަކަފުޅުގައި ދުބާއީގެ ވިޔަފާރި ކުންފުނިން ރާއްޖޭގެ ޒަކާތުފަންޑަށް ޖަމާކުރާ ފައިސާ އޭގެ ހައްގުވެރިންނަށް އަމާނަތްތެރިކަމާ އެކު ފޯރޮކޮށްދެއްވާނެ ކަމަށާއި އެފަދަ ގޮތަކަށް ރާއްޖެ އަށް އެހީތެރިވެދެއްވާތީ އެފަރާތަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވި އެވެ.