ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޮޕް (ސީމެގް)ގެ އެޖެންޑާ އިން ރާއްޖެ ނެގުމަށް ސީމެގްގައި ހިމެނޭ ހުރިހާ ގައުމުތަކަށް ވެސް ގޮވާލައްވާ ކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސެެއްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމަނާފައި ވަނީ ހައްގު ގޮތުގައެއް ނޫން ކަމަށާއި ވީ އެންމެ އަވަސް ފުރުސަތެއްގައި އެ އެޖެންޑާ އިން ރާއްޖެ ނެގުމަށް ތަކުރާރުކޮށް ގޮވާލައްވާ ކަމަށެވެ.

"ސީމެގްގެ ހުރިހާ ގައުމުތަކަށް އަޅުގަނޑުމެން ގޮވާލަން، ރާއްޖެ، އެހާ ހައްގު ގޮތުގައެއް ނޫން އެޖެންޑާ އަށް ލެވިފައި މިއޮތީކީ. އެހެންވީމާ ދެން އެންމެ އަވަސް ފުރުސަތެއްގައި އެޖެންޑާ އިން ރާއްޖެ ނެގުމަށް[ގޮވާލަން]،" ދުންޔާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިދިޔަ ހަފުތާގައި ކޯނީ ރިޕޯޓް ނުކުތުމާ ގުޅިގެން، ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމަ އާއި ކޮމަންވެލްތަށް، ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނެގުމަށް ގޮވާލައްވާފައިވާ ކަމަށެވެ. މިމަހުގެ 11 ވަނަ ދުވަހު ސީމެގުން ބާއްވާ ޓެލެކޮންފަރެންސްގައި ކާމިޔާބު ލިބޭނެ ކަމަށް ޔަގީން ކުރައްވާ ވެސް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ އަދި ވިދާޅުވީ ކޯނީ ރިޕޯޓާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން ނެރުނު ބަޔާންތަކުގައި ކޯނީގެ މަސައްކަތްތަކަށް ތައުރީފުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށް ގޮސްފައި ވަނީ އިތުބާރު ކުރެވޭ ގޮތަކަށް ކަން ފާހަގަކޮށްފައިވާ ކަމަށެވެ. ނަަމަވެސް ދެ ގައުމެއްގެ ބަޔާނަކާ މެދު ކޮންމެވެސް ބަވަރެއްގެ ކަންބޮޑު ވުމެއް އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ދެ ގައުމެއް ކަން ވިދާޅުވުމަށް އެކަމަނާ ދެކޮޅު ހެއްދެވި އެވެ.

ދުންޔާ އަދި ވިދާޅުވީ ކޮމަންވެލްތުގެ އެޖެންޑާ އިން ރާއްޖެ ނުނެގިއްޖެ ނަަމަ ކޮމަންވެލްތުގައި ރާއްޖެ އޮތުމާ މެދު ކަންބޮޑުވުންތަކެއް އެބަ އޮތް ކަމަށެވެ. އަދި ރާއްޖެ ކޮމަންވެލްތުން ވަކިވާން އެދޭ ވަރަށް ގިނަ ފަރާތްތައް އެބަ ތިބި ކަމަށް ވެސް ވިދާޅުވި އެވެ.

"]ސީމެގު އެޖެންޑާ އިން ރާއްޖެ[ ނުނެގިއްޖެ ނަމަ އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ރައްޔިތުން އަދި ސަރުކާރުގެ ވަރަށް އިސް ފަރާތްތަކެއްގެ ވަރަށް ގިނަ ކޮންސާންސް (ކަންބޮޑުވުންތަކެއް) އެބަހުއްޓޭ ކޮމަންވެލްތުގައި އިތުރަށް ދެމިއޮތުމާ މެދު. ވަކި ސީދާ އަދި ރައީސްގެ ނިންމުންުޅެއް ވެސް އަދި އެހެން އިސް ބޭފުޅެއްގެ ވެސް ނިންމުންފުޅެއް މިކަމުގައި ނެތްކަމުގައި ވިޔަސް. އަދި އަޅުގަނޑުމެން މިވަގުތު އެކަން ފާހަގަކުރަން ބޭނުމެއް ނޫން. އެކަމަކު އަޅުގަނޑަށް މިހާރު އިވޭ އަޑުތަކުންނާ އަދި އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ރާއްޖެ ކޮމަންވެލްތުގައި އޮތުމަށް ބޭނުން ނުވާ އެތައް ފަރާތްތަކެއް އެބަ އުޅޭ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ރާއްޖެ ކޮމަންވެލްތުގައި އޮތުމަށް ނޭދޭ ފަރާތްތަކެއް ތިބީ ކޮމަންވެލްތުން އިންސާފެއް ނެތް ގޮތަކަށް ރާއްޖެއާ މެދު އަމަލުކޮށްފައި ވާތީ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކޮމަންވެލްތާ އެކު އިތުރަށް މަސައްކަތް ކުރެވޭނީ ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނަގައި، އެގްރޫޮޕްގައި ރާއްޖެ އަލުން ހިމަނައި، ރާއްޖެއަށް ލިބެންވާ އިހުތިރާމް ލިބިގެން ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ކޮމަންވެލްތުގެ އިތުރު އެހީ ތެރިކަމެއް، ނުވަތަ އަޅުގަނޑުމެންގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ކޮމަންވެލްތާ އެކުގައި މަސައްކަތް ކުރެވޭނީ ސީމެގްގެ އެޖެންޑާ އިން ނަގާފައި ސީމެގްގެ މެމްބަރު ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އަލުން ހިމެނުމުން،" ދުންޔާ ވިދާޅުވި އެވެ.