ރާއްޖޭގެ މިނިސްޓަރުންގެ ވަފުދަކުން މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުގައި އިންޑިއާ ސަރުކާރާ އެކު ޖީއެމްއާރު މައްސަލަތަކުގައި މަޝްވަރާ ނުކުރާ ކަމަށް އެ ވަފުދުގައި ބައިވެރިވެވަޑައިގަންނަވާ، އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި ހުންވައިގެން ސަން އޮންލައިނަށް ދެއްވި އިންޓަވިއުގައި، ޓްރޭޑް މިނިސްޓަރު އަހުމަދު މިއަދު ވިދާޅުވީ އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ބޭނުމަކީ ދިވެހި ބޯޓުތައް އިންޑިއާގެ ބަނދަރަށް ވަނުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރުން ކަމަށެވެ. އަދި ވިދާޅުވީ ސިވިލޭވިއޭޝަން މިނިސްޓަރާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ޖީއެމްއާރު މައްސަލައިގައި ދިވެހި ވަފުދުން މަޝްވަރާ ނުކުރާ ކަމަށާއި ނަމަވެސް އެ މައްސަލަތައް ހައްލުކޮށް ދިނުމަށް އެ ގައުމުގެ މިނިސްޓަރު އެދިވަޑައިގަތް ކަމަށެވެ.

"އެ މައުލޫގައި އެ ނޫނީ އިތުރު އެއްވެސް ވާހަކައެއް ނުދެކެވޭ. ހަމައެކަނި މިނިސްޓަރު އެދިވަޑައިގަތީ އެގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ. "އެއީ ހަމައެކަނި ޔޯލަ ޔޯލައަށް ދެއްކޭ ވާހަކަތަކެއް [ޖީއެމްއާރު މައްސަލައިގައި މަޝްވަރާ ކުރި ވާހަކަ]. އެފަދަ މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައެއް ވެސް ނެތް،"

މިނިސްޓަރު ވިދާޅުވީ ސިވިލޭވިއޭޝަން މިނިސްޓަރާ އެކު އިއްޔެ ބޭއްވި މަޝްވަރާތަކުގައި މުޅިންހެން ވެސް ދެކެވުނީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު އިތުރުކުރުމާ ގުޅޭ ވާހަކަތައް ކަމަށާއި އަދި މޯލްޑިވިއަން އިން އިންޑިއާ އަށް ދަތުރުތައް ފަށާތީ އެކަމުގައި އިންޑިއާ އިން އެހީތެރިވުމަށް ވެސް މަޝްވަރާކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވިން އޭގެ ސަބަބުން އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން ވެސް އިތުރުވެ އޭގެ ފައިދާ ދެ ގައުމަށްވެސް ކުރާނެ. އަދި ހާއްސަކޮށް މޯލްޑިވިއަން އިން ދަތުރުތައް ފަށާތީ އެކަމާ ވެސް މަޝްވަރާކުރިން. މިއީ އެ ބައްދަލުވުމުގައި އަޅުގަނޑުމެން މަޝްވަރާކުރި ކަންކަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަހުމަދުގެ އިތުރުން ދިވެހި ވަފުދުގައި ދެން ހިމެނެނީ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ކެޕްޓަން އަބްދުއްލަތީފެވެ.

އިންޑިއާގެ އިކޮނޮމިކް ޓައިމްސްގައި މިއަދު ބުނެފައި ވަނީ ރާއްޖޭގެ ދެ މިނިސްޓަރަކު އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ސިވިލޭވިއޭޝަން މިނިސްޓަރު އަޖީތު ސިންހާ އެކު އިއްޔެ ބޭއްވި ވާހަކަތަކުގައި ޖީއެމްއާރުގެ މައްސަލަ ހައްލުކޮށްދިނުމަށް ދިވެހި ސަރުކާރުގައި އިންޑިއާ އިން އެދުނު ކަމަށެވެ.

ޖީއެމްއާރު މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ދިވެހި ސަރުކާރުގައި އެދިފައިމިވަނީ ޖީއެމްއާރު މައްސަލައިގެ ތެރެއަށް އިންޑިއާ ވަނުމަށް އެދި ޖީއެމްއާރު ގުރޫޕުގެ ޗެއާމަން ޖީއެމްރާއޯ އިންޑިއާގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ކަމަށް ބުނާ ސިޓީއެއް ލީކުވެފައި ވަނިކޮށެވެ. އަދި އެ ދުވަސްވަރު އިންޑިއާގެ ދައުވަތަކަށް ޑިއާރުޕީގެ ލީޑަރު ތަސްމީން އަލީ އިންޑިއާއަށް ދަތުރުފުޅެއް ވެސް ކުރެއްވި އެވެ.